ގުޅިފަޅުގެ ދެވަނަ ފިޔަވަހީގެ ބިންހިއްކުމުގެ ޕްރޮޖެކްޓުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 15-20 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ ޕްރޮޖެކްޓް ހިންގާ ފަރާތް ކަމަށްވާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވްލޮޕްމަންޓް ކޮމްޕެނީ (ޖީޕީޑީ) އިން މިއަދު ބުނީ މިހާރު އެ ޕްރޮޖެކްޓް މިއަދު ހެނދުނު ފަށާފައިވާ ކަމަށާއި މިފަހަރު ހިއްކަން ހަމަޖެހިފައިވަނީ ތިލަފުއްޓާ ގުޅިފަޅާ ދިމާލުންނާއި ގުޅިފަޅާއި މާލެއާ ދިމާލުން ކަމަށެވެ. އަދި ބުނީ އެމަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ޕްރޮޖެކްޓުގައި ވެސް ބިން ހިއްކަން ބޭނުން ކުރަނީ ނެދަލޭންޑްގެ "ކްއީން އޮފް ދަ ނެދަލޭނޑް" އެވެ. އެއީ ދުނިޔޭގައިވާ ދެވަނައަށް އެންމެ ބޮޑު މިފަދަ ބޯޓެެވެ.

ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މިއަދު ފަށާއިރު ގުޅީފަޅުން މީގެ ކުރިން ހިއްކި 11 ހެކްޓަރުގެ ބިން ސަރުކާރުންވަނީ ގުޅިފަޅު ކޯޕަރޭޝަނާ ހަވާލުކޮށްފަ އެވެ.

ގުޅިފަޅު ހިއްކައި ތަރައްގީ ކުރުމަށް ސަރުކާރުގެ 100 ޕަސަންޓު ކުންފުނި ގުޅީފަޅު އިންޑަސްޓްރީއަލް ޒޯން ލިމިޓެޑުން އިނގިރޭސި ވިލާތުގެ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑަށް 35 އަހަރަށް ކުއްޔަށްދީ މަސައްކަތް ފަށާފައިވަނީ 2010 ވަނައަހަރުގެ ތެރޭގަ އެވެ.