ޒީޓީވީއިން ގެނެސްދިން މަޝްހޫރު ޓީވީ ސިލްސިލާ "ޕަވިތުރަ ރިޝްތާ" އަދި "ކަސަމް ސޭ"ގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ޕްރިޔާ މަރާތޭ ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

ފިލްމީ ޚަބަރުތައް ބުނާގޮތުން ޕްރިޔާ މަރުވެފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ބަތަލާ ދިރިއުޅެމުންދިޔަ ގޭގައެވެ. ޕްރިޔާ ވަނީ ދެ އަހަރު ދުވަސްވަންދެން ކެންސަރު ބައްޔާ ހަނގުރާމަކޮށް ބައްޔަށް ފަރުވާ ހޯދާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 38 އަހަރުގެ ބަތަލާ އެންމެ ފުރަތަމަ ޓެލެވިޒަން ދާއިރާއަށް ތައާރަފްވީ 2008 ވަނަ އަހަރު މަރާތީ ބަހުން ގެނެސްދިން ޑްރާމާ ސިލްސިލާއަކުންނެވެ.

އޭގެފަހުން މަރާތީ ބަހުން ގެނެސްދިން ގިނަ ސިލްސިލާތަކެއްގައި މަސައްކަތް ކުރުމަށްފަހު ޕްރިޔާ އެންމެ ފުރަތަމަ މަސައްކަތް ކުރި ހިންދީ ޑްރާމާ ސީރީސް އަކީ ޒީ ޓީވީއިން ގެނެސްދިން "ކަސަމް ސޭ"އެވެ.

ބަތަލާ ޕްރިޔާ މަރާތޭ ފިރިމީހާއާ އެކު--ފޮޓޯ/މިޑް-ޑޭ

ޓީވީ ސިލްސިލާތަކުގެ އިތުރުން ޕްރިޔާ ވަނީ ސްޓޭންޑް އަޕް ކޮމެޑީ ޝޯތަކެއްގައި ވެސް މަސައްކަތްކޮށްފައެވެ. ޓެލެވިޒަން އެކްޓަރު ޝަންތަނޫ މޯގޭއާ 2012 ވަނަ އަހަރު ކައިވެނިކޮށްފައިވާ ބަތަލާ މި ފަހުން ފެނުނު ޓީވީ ސިލްސިލާތަކުގެ ތެރޭ ބިރުވެރި ސީރީސް "ކޯން ހޭ" އާއި "ސާތު ނިބާނާ ސާތިޔާ" ހިމެނެއެވެ.

ޕްރިޔާ 2020 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މުޅިން ވެސް މަސައްކަތް ކޮށްފައި ވަނީ މަރާތީ ސިލްސިލާތަކުގައެވެ.

ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ޕްރިޔާގެ މަރާ ގުޅިގެން ޓެލެވިޒަން އިންޑަސްޓްރީގެ ގިނަ ބަޔަކު އަންނަނީ ބަތަލާގެ ފިރިމީހާ އަށާއި އާއިލާއަށް ތައުޒިއްޔާގެ މެސެޖުތައް ފޮނުވަމުންނެވެ.