10 Aug 2012, 13:18
ނިއުދިއްލީ (އޮގަސްޓް 10): އަގްނީ 2 މަރުކާގެ މެދުރާސްތާގެ މިސައިލެއް އިންޑިޔާއިން ކާމިޔާބުކަމާއެކު ތަޖްރިބާ ކޮށްފިއެވެ.
އިންޑިޔާ ސިފައިންގެ ސްޓްރެޓީޖިކް ބާރުތަކުގެ ކޮމާންޑުން ބުނިގޮތުގައި 2000 ކިލޯ މީޓަރުގެ މި މިސައިލް ތަޖްރިބާކުރީ އޮޑިއްސާގެ އައްސޭރި ފަށުގައިވާ ވޭލަރު ޖަޒީރާގައި ކަމަށާއި މިތަޖްރިބާ 100 ޕަސެންޓް ކާމިޔާބު ކަމުގައެވެ. އަގްނީ 1 މަރުކާގެ 700 ކިލޯމީޓަރުގެ ރޭންޖްގެ މިސައިލެއް މީގެކުރިން އިންޑިޔާއިން ތަޖްރިބާކޮށްފައިވެއެވެ. އަގްނީ މަރުކާގެ މިސައިލަކީ އިންޑިޔާގެ "އޮގަނައިޒޭޝަން އޮފް ޑިފެންސް ރީސާޗް އެންޑް ޑިވެލޮޕްމެންޓް" ން ތަރައްޤީކުރި މިސައިލެކެވެ.
މިދިޔަ ބުދަދުވަހު އިންޑިޔާއިން ތަޖްރިބާކުރި އަގްނީ 2 މަރުކާގެ މިސައިލަކީ 17 ޓަނުގެ ބަރުދަން އަދި 20 މީޓަރުގެ ދިގުމިންހުންނަ، އެއްހާސް ކިލޯގްރާމްގެ ގޮވާތަކެތި އުފުލުމުގެ ޤާބިލްކަން ލިބިގެންވާ، އަޑަށްވުރެ ބާރަށް ދަތުރުކުރާ މިސައިލެކެވެ. އިންޑިޔާއާއި ޕާކިސްތާނުން ވަރަށް ގިނައިން އެކިބާވަތުގެ ބެލަސްޓިކް މިސައިލްތައް ތަޖްރިބާކުރަމުން ގެންދެއެވެ. މިދެޤައުމަކީ މިސައިލް ޓެކްނޮލޮޖީ ތަރައްޤީކުރުމުގައި ވަރަށްކުރީގައިއުޅޭ ދެޤައުމެވެ. -- އަލްޖަޒީރާ