10 Aug 2012, 13:14
ޓެލްއަވީވް (އޮގަސްޓް 10) : އީރާނަށް ޙަމަލާ ދިނުމަށްޓަކައި ސައޫދީ އަރަބިޔާގެ ވައިގެ ސަރަޙައްދު ބޭނުން ކުރުމުގެ ފުރުސަތު އިސްރާއީލަށް ނުދޭނެކަން ސައޫދީ ސަރުކާރުން އެމެރިކާ މެދުވެރިކޮށް އިސްރާއީލަށް އަންގާފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
އިސްރާއީލުގެ އިސް މަސްއޫލުވެރިއަކާ ޙަވާލާދީ އެ ޤައުމުގެ ނޫހެއް ކަމަށްވާ "ޔަދިޢޯތު އަޙްރަނޫތު" އިން ބުނި ގޮތުގައި ސައޫދީންގެ މި މެސެޖް އިސްރާއީލަށް ރައްދުކުރީ ދާދިފަހުން އިސްރާއީލަށް ޒިޔާރަތްކުރެއްވި އެމެރިކާގެ މަސްއޫލުވެރިންނެވެ. ސައޫދީން އިސްރާއީލަށްދިން ނުސީދާ މެސެޖްގައި ބުނެފައިވަނީ އިސްރާއީލުން އީރާނަށް ވެސް އަދި އިސްލާމީ އެހެން ޤައުމަކަށް ޙަމަލާ ދިނުމަށްވެސް ސައޫދީގެ އެއްވެސް ސަރަޙައްދެއް ބޭނުން ކުރުމުގެ ހުއްދަ ނުދޭނެ ކަމަށާއި ބޭނުން ކުރާނަމަ އެކަމަށް ހުރަސް އަޅާނެ ކަމަށެވެ.
ސައޫދީންގެ މިއިންޒާރު ލީކް ވެފައިވަނީ އީރާނުގެ ނިއުކްލިޔަ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމަށް ބުނެ އިސްރާއީލުން ދެމުންގެންދާ އިންޒާރުތަކުގެ އަޑު ގަދަވެފައި ވަނިކޮށެވެ. އީރާނަށް ޙަމަލާ ދިނުމަށް މަގު ފަހިކުރުމުގެ ގޮތުން އިސްރާއީލުގެ މަސްއޫލުވެރިން ގެންދަވަނީ ހީކުރެވިފައިވާ ވަރަށްވުރެ ބޮޑަށް އީރާނުގެ ނިއުކްލިޔަ ޓެކްނޮލޮޖީ ތަރައްްޤީ ކޮށްފައިވާކަމުގެ ޖާސޫސީ މަޢްލޫމާތުތަކެއް ލިބިއްޖެ ކަމަށް ބުނެ އިންޒާރުތަކެއް ދެއްވަމުންނެވެ. އީރާނަށް ޙަމަލާ ދިނުމުގައި ސައޫދީގެ މަގު ބަންދުވެއްޖެނަމަ ދެން އިސްރާއީލު ބޭނުން ކުރާނީ އުރުދުންއާއި ޢިރާޤުގެ މަގު ކަމަށް "ނިއުޔޯކް ޓައިމްޒް" ލަފާކޮށްފައިވެ އެވެ.
އިސްރާއީލުގައިވާ އެމެރިކާގެ މަތީފެންވަރުގެ ޓެެކްނޮލޮޖީގެ ޢަސްކަރީ ބޯޓުތަކާ ކުރިމަތިލުމުގެ ޤާބިލްކަން މި ދެ ޤައުމަށް ލިބިފައެއް ނުވެއެެވެ. ސައޫދީ އަރަބިޔާއިން މިހެން ބުނި ނަމަވެސް 1981 ވަނަ އަހަރު ޢިރާޤުން އީރާނާ ދެކޮޅަށް ހަނގުރާމަކުރަމުން ގެންދިޔަ ދުވަސްވަރު ޢިރާޤުގެ އަރާކް ނިއުކްލިޔަ މަރުކަޒަށް ޙަމަލާ ދިނުމަށް އިސްރާއީލު ބޭނުން ކޮށްފައިވަނީ އުރުދުންގެ ވައިގެ ސަރަޙައްދާއި ސައޫދީ ވައިގެ ސަރަޙައްދެވެ. އެ ދުވަސްވަރު ސައޫދީންނާ އެެންމެ ގުޅުންބޮޑު ޢަރަބި ލީޑަރަކީވެސް ސައްދާމް ޙުސައިނެވެ. – ނޫސް އެޖެންސީތައް