ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫގެ ސަރުކާރުގެ ތިން އިމާރާތަކާއި އެރަށު މީހެއްގެ ކެފޭއެއްގައި ހުޅުޖަހައި އަންދާލި މައްސަލައިގައި 21 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވި މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަހުމަދު މުހައްމަދު މަނިކު ރޭ ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިއްޔެ އެ ކޯޓަށް ހުށަހެޅުމުން މިހާރު އެ މައްސަލަ ކޯޓަށް ބަލައިގެންފައިވާ ކަމަށާއި ނަމަވެސް އަދި އެ މައްސަލަ ތާވަލްކޮށްފައިނުވާ ކަމަށެވެ.

"އައްޑޫ ސިޓީގެ ހިތަދޫގައި ހުޅުޖެހި މައްސަލައާ ގުޅިގެން 21 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން މިހާރު ވަނީ ބަލައިގެންފަ. އަދި އެ މައްސަލަ ޝެޑިއުލް ކުރެވިފައި ނުވޭ،" މަނިކު ވިދާޅުވި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު ހުސެއިން ނާޝިދު އިއްޔެ ވިދާޅުވީ އެ 21 މީހުންގެ ތެރޭގައި 50 އަހަރުގެ އަންހެނަކު ވެސް ހިމެނޭ ކަމަށާއި އެމީހުންގެ މައްޗަށް އެދައުވާ ކުރީ އައްޑޫ ސިޓީގެ ޕީޖީ އޮފީހާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް ޓްރޭނިން ސްކޫލާއި ޕޮލިސް އެކޮމަޑޭޝަން ބްލޮކްގެ އިތުރުން "ކޯހެރެ" ނަމަކަށްކިޔާ ކެފޭއެެއްގައި ހުޅުޖަހައި އަންދާލުމުގެ ތުހުމަތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ އައްޑޫގައި ހުޅުޖެހުމާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް އެ އޮފީހަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އައްޑޫގައި ހުޅުޖެހި މައްސަލައިގެ ތަހުގީގީގު އަދިވެސް ފުލުހުން ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައި ހުޅުޖެހި މައްސަލައިގައި ވެސް 13 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެ މީހުންގެ ތެރެއިން 11 މީހެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށާފައިވާއިރު އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ ކޯޓުގެ ގާޒީ ވިދާޅުވީ ދެން އޮންނާނީ އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.