10 Aug 2012, 10:36
ހުޅަނގުގެ ވިސްނުންތެރިޔެއް ކަމުގައިވާ ވިލިއަމް ޕޭޓަން ލިޔުއްވައިފައި ވެއެވެ. "އިސްލާމްދީން އިންސާނިއްޔަތަށް ހަދިޔާކޮށްފައިވާ އެއް މޭވާއަކީ މީސްތަކުންގެ ކިބައިގައި އެދީން އުފައްދައިފައިވާ ވަރުގަދަ ކެތްތެރިކަމެވެ. ކެތްތެރިކަމުގެ ޙާލަތު އެބައިމީހުންގެ ކިބައިގައި އުފެދެނީ ﷲ އަށް ފުރިހަމަޔަށް ކިޔަމަންތެރިވުމުގެ ސަބަބުންނެވެ."
ވިލިއަމް ޕޭޓަންގެ ވާހަކަފުޅަކީ ވަރަށް ޙަޤީޤަތާ އެއްގޮތް ވާހަކަފުޅެކެވެ. އިސްލާމްދީނުގައި ކެތްތެރިކަމަށް ދެއްވައިފައިވަނީ ވަރަށްބޮޑު އަހައްމިއްޔަތެކެވެ. ކީރިތި ޤުރްއާނުގެ ވަރަށް ގިނަ އާޔަތްތަކެއްގައި ސީދާ ޢިބާރާތުންނާއި، ނުސީދާ ބަސްފުޅުން ވަނީ ކެތްތެރިކަމަށް އިރްޝާދު ދެއްވައިފައެވެ. ޙަޤީޤަތުގައިވެސް ކެތްތެރިކަމަކީ އެސިފަޔަކާ ނުލައި އިސްލާމްކަމާއި އީމާންކަން ތަޞައްވަރަށް ގެނައުންވެސް އުނދަގޫ ސިފައެކެވެ.
އަރަހުށި މާތްﷲ މި އިމްތިޙާނުގެ ދުނިޔެ އުފައްދަވައިފައިވަނީ އިންސާނާއަށް އަބަދާއަބަދު އޭނާ ހިތްނޭދޭ ކަންކަމާ ކުރިމަތިލާން ޖެހޭ ގޮތަށެވެ. އޭނާގެ ގޭތެރޭގައެވެ. ގެއިން ބޭރުގައިވެސްމެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އިންސާނާ އޭނާގެ ވަށައިގެން އުޅޭ އެހެން މީސްމީހުނާ ރުޅި ހަދަން ވެއްޖެނަމަ އިންސާނީ ތަރައްޤީ އެކަށީގެންވާ ދުވެއްޔެއްގައި ކުރިޔަކަށް ނުދާނެއެވެ. އެހެންކަމުން އިސްލާމްދީން ވަނީ ކެތްތެރިކަމުގެ އަހައްމިއްޔަތާމެދު ވަރަށް ބޮޑަށް ގަދައަޅައި އިރްޝާދު ދެއްވައިފައެވެ. އިންސާނާއަށް އޭނާގެ ހިތްނޭދޭ ކަހަލަ ކަންތައްތައް ނައްތައިލައިފައި މަތިވެރި ލަނޑުދަނޑިއަކާ ދިމާޔަށް އޭނާގެ ދަތުރު ކުރިޔަށް ގެންދެވޭނޭމަގު ފަހިކޮށްދެއްވުމުގެ ގޮތުންނެވެ.
ކީރިތި ޤުރްއާނުގައި ކެތްތެރިކަމަށް ދެއްވައިފައިވާ އިރްޝާދުތަކާމެދު ކުރު ގޮތަކަށް ނަޒަރު ހިންގާއިރުވެސް އަންނަނިވި ބަސްފުޅުތައް ފާހަގަކުރެވެއެވެ. "ތިބާއަށް ޖެހޭ މުޞީބަތަށް ކެތްކުރާށެވެ! ހަމަކަށަވަރުން އެކަންވަނީ ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ." (ލުޤްމާނު: 17) "އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ." (އަލްއަންފާލު: 46) "ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު ޢަމަލުތައް ކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ." (އަލްޢަޞްރު: 2،3)
ހަމައެފަދައިން ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކުގައި ވެސް ކެތްތެރިވުމަށް ވަނީ ވަރަށް ގިނައިން ނަޞޭޙަތް ދެއްވައިފައެވެ. ޞަޙާބީއެއްގެ ބަސްފުޅެއްގައި ވެއެވެ. "ހަމަކަށަވަރުން ކައުސާހިބާ އާއި، އެކަލޭގެފާނުގެ ޞަޙާބީން އަބަދުވެސް އުނދަގޫތަކަށާއި، އިހާނެތި ކަންތައްތަކަށް ކެތްތެރި ވެވަޑައިގަންނަވަމުން ގެންދެވިއެވެ." ޙަޤީޤަތުގައިވެސް ކެތްތެރިކަމަކީ އިސްލާމީ ޢަމަލުތަކުގެ ބިންގަލެވެ. ފިތުނަވެރިކަމާއި، ގޮންޖެހުންތަކާއި، އިމްތިޙާނުތަކުގެ މި ދުނިޔޭގައި ކެތްތެރިކަމާ ނުލައެއް އިސްލާމީ ޝަޚްޞިއްޔަތެއްގައި ދެމިއެއްނުހުރެވޭނެއެވެ.