ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލުތަކެއް ގަރާޖެއްތެރޭ ފޮރުވާފައި ފޮރުވާފައި ހުއްޓައި ފުލުހުން ހޯދައިފި އެވެ. އެ މައްސަލަ އާއި ގުޅިގެން އެވަގުތު ގަރާޖުގެ ތެރޭ ފިލާއޮތް 26 އަހަރުގެ ޒުވާނަކު ވެސް ފުލުުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ އާންމު ފަރާތަކުންދިން މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް މ. ހިތަށްފިނިވާގޭ ގަރާޖު ބަލައި ފާސް ކުރިއިރު އެތަނުގެ ތެރެއިން ވަގަށް ނަގައިގެން ގެންގޮސްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ހަތަރު ސައިކަލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެތެރޭގައި ބައެއް ސައިކަލުތަކުގެ ބައިތައް ހިމެނޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ހިތަށްފިނިވާގެ ގަރާޖު ތެރެއިން ނެރުނު ހަތަރު ސައިކަލު ޕިކަޕަކަށް އަރުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ސަން އޮންލައިންގެ ނޫސްވެރިންނަށް ވެސް ފެނުނެވެ.

ފަހަކަށް އައިސް މާލޭ މަގުތަކުގައި ޕާކްކޮށްފައި ހުންނަ ސައިކަލު ވަގަށް ނެގުމާއި ސައިކަލަށް ގެއްލުންދިނުން ވަނީ އާންމުކަމަކަށް ވެފަ އެވެ.

ސައިކަލު މަޑިދަށުގައި ބަހައްޓާފައި ހުރި ދެ ލައްކައަކަށް ވުރެ ގިނަ ރުފިޔާ ބަޔަކު މިއަހަރު ކުރީ ކޮޅު ވަގަށްނެގި މައްސަލައެއްގެ ދައުވާ މިހާރު ވަނީ ތިން މީހެއްގެ މައްޗަށް އުފުލާފަ އެވެ.