30 Aug 2025, 09:19
މިދިޔަ މަހު ސިނަމާތަކަށް ގެނައި ޑައިރެކްޓަރު އަނޫރާގު ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ" ނެޓްފްލިކްސްއިން ސްޓްރީމް ކުރަން ފަށައިފިއެވެ.
ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބެއް ހޯދިފައިނުވާ ފިލްމު "މެޓްރޯ އިން ދިނޯ" ނެޓްފްލިކްސްއަށް ސްޓްރީމިންގްއަށް ދޫކޮށްލިކަން އެ ޕްލެޓްފޯމްއިން އިއުލާނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ބޮޑު ކާސްޓަކާ އެކު ގެނެސްދިން މި ފިލްމަށް ބެލުންތެރިންގެ ފަރާތުންނާއި ކްރިޓިކުން މަސްސުނި ރިވިއުތަކެއް ދިންއިރު ފިލްމުގައި ބަތަލާ ކޮންކޮނާ ސެން އާއި އެކްޓަރު ޕަންކަޖު ޓުރިޕާތީ ދެއްކި ޕާފޮމެންސް ވަރަށް ގިނަ ބަޔަކަށް ވަނީ ކަމުގޮސްފައެވެ.

ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ފިލްމުގެ މިއުޒިކަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނުއިރު ސިނަމާއަށް ގޮސް ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް ނެޓްފްލިކްސް މެދުވެރިކޮށް ފިލްމު ބެލުމުގެ ފުރުސަތު މިހާރު އެބައޮތް ކަމަށް ނެޓްފްލިކްސްއިން ވަނީ ބުނެފައެވެ.
މިއީ ހަފްތާ ބަންދުގައި ގޭގައި ތިބެގެން ބަލާލުމަށް އެންމެ ރަނގަޅު ފިލްމު ކަމަށާއި ފިލްމުން ދިރިއުޅުމުގައި ކަޑައްތުކުރާ އެކި އުމުރު ފުރައިގައި ކުރެވޭ ލޯބީގެ ތަޖުރިބާތައް ދައްކުވައިދޭނެ ކަމަށް ނެޓްފްލިކްސްއިން ބުނެފައިވެއެވެ.
ޖުމްލަ 54-50 ކްރޫޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ރިވިއުސްތަކެއް ލިބުނު ނަމަވެސް ބޮކްސް އޮފިހުގައި ފިލްމަށް ހޯދުނީ އެންމެ 72 ކްރޯޑު ރުޕީސްއެވެ.
ބޮލީވުޑް ރިޕޯޓުތައް ބުނާގޮތުން "މެޓްރޯ އިން ދިނޯ"އަށް މާބޮޑު ތަރުހީބެއް ނުލިބުނީ ފިލްމު ރިލީޒްކުރި ދުވަސްވަރަކީ ބޮލީވުޑްއިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ލޯބީގެ ފިލްމު "ސައްޔާރާ" ރިލީޒްކުރި ދުވަސްވަރަށް ވުމުންނެވެ.
ފިލްމު "ސައްޔާރާ"އާ އެކު އެ ދުވަސްވަރު ރިލީޒްކުރި ވަރަށް ގިނަ ފިލްމުތަކަށް އޭގެ ހިޔަނި އެޅި ބައެއް ޕްރޮޑިއުސަރުން ވަނީ އެ ދުވަސްރާ ދިމާކޮށް ރިލީޒްކުރާނެކަން ކުރިން އިއުލާނުކުރި ފިލްމުތައް ރިލީޒްކުރުން ވެސް ފަސްކޮށްފައެވެ.
އަނޫރާގު ބާސޫ 2007 ވަނަ އަހަރު ގެނެސްދިން ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއަލްގެ ގޮތުގައި ގެނެސްދިން "މެޓްރޯ އިން ދިނޯ"ގެ މުހިއްމު ތަރިންގެތެރޭ ސާރާ އަލީ ޚާން، ނީނާ ގުޕްތާ، ފާތިމާ ސަނާ ޝައިހް، އަލީ ފަޒަލް، އަދިތިޔަ ރޯއި ކަޕޫރު އަދި އަނޫޕަމް ހޭރު ހިމެނެއެވެ.