30 Aug 2025, 09:24
އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް 'ލިންކިންގް ޕާކް'އިން އިންޑިއާގައި ޝޯއެއް ދޭން ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ.
އެ ބޭންޑުގެ ކޯ ފައުންޑަ މައިކް ޝިނޯޑާ އިއްޔެ ނެރުނު ނިއުސްލެޓާއެއްގައި މިކަން އިއުލާނު ކުރަމުން ބުނެފައި ވަނީ، އެ ބޭންޑުން އިންޑިއާގައި ބާއްވާ ފުރަތަމަ މިއުޒިކް ޝޯ އޮންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުތެރޭ ކަމަށެވެ.
މި މިއުޒިކް ޝޯ އަކީ އިންޑިއާގައި ބާއްވަން ތައްޔާރުވަމުން އަންނަ މިއުޒިކް ފެސްޓިވަލް ކަމަށްވާ "ލޮލަޕަލޫޒާ އިންޑިއާ" ފެސްޓިވަލްގެތެރެއިން އެ ބޭންޑުން ދޭން ހަމަޖެހިފައިވާ މިއުޒިކް ޝޯއެކެވެ.
އެ ބޭންޑުގެ ރަސްމީ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ފެސްޓިވަލަކީ އިންޑިއާގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފެސްޓިވަލެއް ކަމަށާއި 'ލިންކިންގް ޕާކް'ގެ ބޭންޑުން އެ ޤައުމަށް ދިއުމަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށެވެ.

އެމެރިކާގެ މަޝްހޫރު ރޮކް ބޭންޑް 'ލިންކިންގް ޕާކް'ގެ ބައެއް މެމްބަރުން--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވާ ގޮތުން މި މިއުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ މުމްބާއީގެ މަހާލަކްޝްމީ ރޭސްކޯސްގައެވެ. 'ލިންކިންގް ޕާކް'އިން މުމްބާއީގައި ޝޯ ދިނުމަށް ހަމަޖެހިފައިވާ ތާރީޚަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 25އެވެ.
މި ޝޯގެ ޓިކެޓްތައް މިހާރު ވިއްކަން ފަށާފައިވާއިރު ބުކްމައިޝޯ އާއި "ލޮލަޕަލޫޒާ އިންޑިއާ"ގެ ވެބްސައިޓް މެދުވެރިކޮށް ވެސް ޓިކެޓް ބުކް ކުރެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖުމްލަ ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ 'ލިންކިންގް ޕާކް' ބޭންޑަކީ 1996 ވަނަ އަހަރު ވުޖޫދަށް އައި ބޭންޑެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ މިއުޒިކް ބޭންޑުގެތެރޭ ހިމެނޭ 'ލިންކިންގް ޕާކް'ގެ މެމްބަރުންގެތެރޭ ޝިނޯޑާ އާއި ބްރޭޑް ޑެލްސަން އާއި ޖޯ ހާން ޑެވް ފެރެލް އާއި އެމިލީ އާމްސްޓްރޯންގްގެ އިތުރުން ކޮލިން ޓްރިޓަން ހިމެނެއެވެ.
މިހާތަނަށް އަށް އަލްބަމެއް ނެރެފައިވާ މި ބޭންޑުން އެންމެ ފަހުން ނެރުނު އަލްބަމަކީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނެރުނު "ފްރޮމް ޒީރޯ"އެވެ.