މަ މާލެ އައި ދުވަސްކޮޅު އާ ރަހުމަތްތެރިން ތަކެއް ހޯދީމެވެ. ގަލޮޅު ދަނޑު ކައިރީގައި ހުންނަ ދެބުރި މިސްކިތުގެ ތެރެއިންނެވެ. މިދެންނެވި ރަހުމަތްތެރިންގެ ތެރޭގައި މާ ދޫ ހިނގާ ކުއްޖަކު ވެސް ހުރެ އެވެ. އަހަރެމެން ކިޔަނީ "މޮހަނާ" އެވެ. އޭގެ ތެރޭގައި "މަހޭ" އެއް ވެސް އުޅެ އެވެ. ބައެއް ދުވަސް ދުވަހު އަހަރެމެން އަސުރުކޮށްގެން ދަނީ ފިލްމު ބަލާށެވެ. މޮހަނާ މެނަށް ކަމުދަނީ އިނގިރޭސި ފިލްމެވެ. މަ ބޭނުން ވަނީ އަމީތާބު އުޅޭ ފިލްމެވެެ. އެއް ދުވަހަކު ފިލްމް ބަލަން ގޮސްފައި މޮހަނާ ބުނަނީ މިއަދު ބަލާނީ އަމީތާބުގެ "ނަމަކް ހަލާލް" ކަމަށެވެ. އެ ފިމް ބެލުމަށް ފަހު ފިލްމުގައި އަމީތާބު ކިޔާ ޑައިލޮގް ކޮޅެއް މަ ދަސްކުރީމެވެ. އޭގެ ފަހުން އެ ދުވަސްވަރު ކޮންމެ ކަމެއް ޖެހުނަސް އެކަމަކާ ގުޅުވައިގެން އެ ޑައިލޮގް ކޮޅު ކިޔަން ފަށައިފީމެވެ. އެއް ފަހަރަކު ރަހުމަތްތެރިން ހީނުކުރާ ވަރުގެ އަންހެން ކުއްޖަކާ މަ ގުޅުން އުފައްދައިފީމެވެ. މޮހަނާމެން އެކަމާ ސުވާލު ކުރުމުން އެކަމާ ވެސް މަ ގުޅުވައިލީ އެއްކަލަ ޑައިލޮގް ކޮޅެވެ. އެއީ މިހެނެވެ: "އައި ކޭން ޓޯކް ގާލް، އައި ކޭން ވޯކް ގާލްސް، އައި ކޭން ލާފް ގާލްސް" އޭ އެވެ. މިކަމަކާ މިވެރިން ހުނެވެ. މިހާރުވެސް މަ ފެނުނީމާ އެހެން ކިޔާނެ އެވެ. މި ދެންނެވި މޮހޮނާ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ އިތްޒަތްތެރި މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ. މަހޭ އަކީ އިތްޒަރްތެރި މެންބަރު އަހުމަދު މަހުލޫފެވެ. އެ ވާހަކަ ދެން ބާއްވާށެވެ.

***

މި ދާދުވަހަކު މަ އިނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބަލާށެވެ. ވާހަކަ ދެކެވުނީ އާބިޓްރޭޝަން ބިލަކާ ބެހޭ ގޮތުންނެވެ. ބިލު ސަރުކާރުގެ ފަރާތުން، ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، (ކާނަލް) އެވެ. އަޅުގަނޑުގެ އެކުވެރި މޮހޮނާ އެވެ. އެމަނިކުފާނު ބިލު ހުށަހެޅުމާއެކު ހީވީ އަރައި ކައިފާނެ ހެނެވެ. ދިމަ ދިމާއިން އަތް އުއްކަވާފައި ގޮވީ "ކޮރަޕްޝަނަށް މަގުފަހިވެއޭ" އެވެ. މަ އިނީ ބުނާ އެއްޗެއް ނޭނގިފަ އެވެ. އެކަމަކު އެއީ ނޭނގިގެން ދެއްކެވި ވާހަކަތަކެއް ހެނެއް ހީއެއް ނުވެއެވެ. ކަން ފިލާފައި ނެތް ބަޔަކު އެތާކު ނުތިބޭނެ އެވެ. އެހެންނާ މަވެސް އިންނާނީ އެތާނގަ އެވެ.

މަ ހިތަށް ވަންނަނީ ގަސްދުގައި އާބިޓްރޭޝަން މަފްހޫމް އޮޅުއްވައިލައްވާ ކެމެރާއަށް ސިޔާސީ ވާހަކަ ދެއްކެވީއޭ އެވެ. ދެ އުޅި އެއްނުވިޔަސް ވަރިހަމަ ކަމަށެވެ. މި މިސާލު މަޖިލީހުގެ ތެރެއިން މި ނެގީ ތަންކޮޅެއް ފަންނީ ވާހަކައެއް ބުނާށެވެ. މުޅި މަޖިލީހާއި ކޮމެޓީ ތަކާއި ސައި ކޮޓަރިއާ ކުޑައިގެ ދަށުގައި ގާތްގަނޑަކަށް ކަން ހިނގަނީ މި މަގަށެވެ. -- އާބިޓްރޭޝަންގެ އުސޫލުން ކަންކަން ނިންމަނީ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ގޮތުގައި ދަފުތަރު ކުރެވޭ މަތީފެންވަރުގެ ލޯޔަރުން ތިބެގެނެވެ. މީޑިއޭޝަނާއި ކޮންސިލިއޭޝަނާ ތިމާގެ ވައްތަރެއް ނަމަވެސް އާބިޓްރޭޝަނަކީ މުޅިން ތަފާތު ކަމެކެވެ. --

މިދާދުވަހަކު މަ އިނީ ޓީވީ ޕްރޮގްރާމެއް ބަލާށެވެ؛ ވާހަކަފުޅު ދެއްކެވީ ސިޔާސީ ދާއިރާގައި އެބޭފުޅަކު މާ ކަނޑު ދައްކާފައި މިއީ ލޭގެ ކޯރެކޭ ވިދާޅުވިޔަސް އެތައް ބަޔަކު "އާދޭހޭ، މަނިކުފާނު ތިޔަ ވިދާޅުވީ ތެދޭ އެއީ ހުސް ލެޔޭ" ވިދާޅުވާހާ "ގަދަ" ބޭފުޅެކެވެ. އެބޭޅާ ފެއްޓެވީ ވިސްނައިލަން ހަމަ ރަނގަޅު ވާހަކަތަކަކުންނެވެެ. ވާހަކަފުޅުގައި ކުއްލިއަކަށް ވިދާޅުވީ "މި ގައުމުގައި ހައްތަހާ ތިބޭނީއަކީ އ ... މ ކަހަލަ ދަރިން ނުލިބޭ މީހުން ނޫން" ކަމަށެވެ. ދެން ދެއްކެވީ އެ ވިދާޅުވި ވާހަކައާ ގުޅުމެއް ނެތް ވާހަކަތަކެވެ. ނިންމަވަމުން ފުލުހުންގެ ވާހަކަތަކެއް ދައްކަވާފައި ވިދާޅުވީ "އެއިން މީހަކަށް ﷲ މަތިން ކޮންމެ ފަދަ ގޮތެއް މިންވަރު ކުރައްވަން ވެސް ކުޅަދުންވަންތަ" ކަމަށެވެ.

ސަހަރޯއޭ މަހިތަށް އެރި އެވެ. ވިދާޅުވެވެނީ ކޯންޗެއްކަން އެނގިވަޑައި ނުގެން ބަހުގެ އަޅަކަށް ވެވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟ ފުލުހަކު ކުރާ ކަމެއްގެ ސަބަބުން އެކަމަށް "މަތިން ގޮތެއް" ނިންމެވުމުމަށް ކުޅަދުން ވަންތަ ފަރާތުން "އ .... މ" އަށް ދަރިން މިންވަރު ކުރެއްވުމަށް ވެސް ކުޅަދުންވަންތަ ނޫންތޯ އެވެ؟

މަ ބެލި އެހެން ޕްރޮގްރާމެކެވެ؛ މިބޭޅާ ވެސް ދެއްކެވީ ސިޔާސީ ވާހަކަ އެވެ. އެކަމަކު ވަކި ހިސާބަކުން މައުލޫ ބަދަލު ކުރައްވާ ރޯދަ މަހުގެ ބަރަކާތްތެރި ކަމުގެ ވާހަކަ ވިދާޅުވަމުން ގޮސް ދެއްކެވީ މުޅިން ވެސް ޝައިހު "އ... ނ" ގެ ވާހަކަ އެވެ. މުޅިން ވެސް ޖެއްސެވީ ހަޖުލެވެ. ނިންމެވީ އިތުރު ރަސޫލާ ޒަމާނުގެ ހަނގުރާމަތަކާއި އަރަބި ޅެމުގެ ވާހަކަ އެވެ. ވާހަކަ ފެށީ ސިޔާސީ ކުރައްވައިގެނެވެ. ނިންމެވީ ފުރައްސާރަ ކުރައްވައިގެނެވެ.

މިދާދުވަހަކު އެހެން ބޭފުޅަކު ވާހަކަފުޅު ދެއްކެވި ވަގުތާ ބޭރުގޭ ތެރޭގައި މަ އިން ވަގުތާ ދިމާވި އެވެ. އެބޭޅާ ވަރަށް ކުޅަދާނަ އެވެ. ސިޔާސީ ވާހަކައިގެ ތެރެއަށް ދީނާއި ގައުމިއްޔަތުގެ ވާހަކަތައް ދޭތެރެއަކުން ވައްދަވަ އެވެ. ބައެއް ފަަހަރު ރަނގަޅު ދަނޑިވަޅާ ދިމާ ކުރައްވަ އެވެ. އަނެއް ބައިފަހަރަކު ހަމަ ކުއްލިއަކަށް ވިޔަރިއަރައިގެންފައި ބާރަކަށް ވިދާޅުވަނީ އެވެ. އެބޭޅާ ގެ ވާހަކަފުޅުގައި އެބޭޅާގެ ފިކުރާ ދިމާ ނުވާ ބަޔަކަށް އިޝާރާތް ކުރައްވާ ވިދާޅުވަނީ "އެމީހުންނަކީ މާވަރުގަދަ ގައުމިއްޔަތެއް އޮތް ބައެއް" ކަމަށެވެ. އެކަމަކު ތިމަން ބައި މީހުންގެ އޮތީ "ބައިނަލް އަގުވާމިއްޔަތެއް" ކަމަށެވެ. ހަމަ އެބޭޅާ އެހެން ޕްރޮގްރާމެއްގައި ވިދާޅުވަނީ "ޝަހުސިއްޔަތެއް ހުރި ލޯތް ބަކީ އަދި އާރުލާވެސް ލޯތްބަކީ ހުއްބުލް ވަތަންކަން ދަސްކުރާށޭ" އެވެ. މިކިޔަނީ ކީކޭ ހެއްޔެވެ؟ މަކަށް ނުވިސްނުނެވެ.

ދިމާއަށް ފެންނާ ހުންނަ ހަގީގަތްތަކުގައި ސިޔާސީ ގޮތުން ކުރިއަރައި ދިއުމަށް ދައްކަވާ ވާހަކަފުޅުތަކުގެ ތެރޭގައި ހިމަނަން ނުޖެހޭ ކަންކަން ހުންނާން ވާނެއޭ މަހިތަށް ވަދެ އެވެ. ސިޔާސީ ވެގެން "ޑިމޮކްރަސީ މާ މަޖަލޭ، މަޖަލޭ" ވިދާޅުވެ ކަރުން ނާރު ނަގާފައި މީހުންނަށް އާޑަކިޔާއިރު ތިމަން ބޭފުޅުން ލިޔުން ގާނޫނުއަސާސީގެ 67 ވަނަ މާއްދާއާ މެދު ވިސްނައިލި ހެއްޔެވެ؟ ހިއެއް ނުވެއެވެ. އެހުރިހާ މޮޅު ވާހަކަތައް އެބޭފުޅަކު ބޭނުން ގޮތަކަށް ދައްކަވާއިރު ގާނޫނު އަސާސީގެ މާއްދާތަކަށް އެހަރަ ދެއްވާ ހަވާލާއަކަށް ސާބަހެވެ. އެހެންނަމަވެސް 67 ވަނަ މާއްދާއަށް ހަވާލާއެއް ދިން ތަނެއް މަ ދުވަހަކުވެސް އަޑެއް ނާހަމަވެ.

***

މި ހުރިހާ ސިޔާސީ ވެރިންގެ ވާހަކަ ހިމުން ފުރޭންޏަކުން މަ ފުރާނާލައިފީމެވެ. ހަނދާނަށް އަންނަނީ އަހަންނާ މޮހަނާއާ ފުރާވަރުގައި ބެލި "ނަމަކް ހަލާލް"ގެ މަތިންނެވެ. ފިލްމުގައި މީހަކު އަމީތާބާ ދިމާއަށް "އިނގިރޭސީ އެނގޭ ހެއްޔޭ؟" ސުވާލު ކުރެ އެވެ. އަނގައިގައި އެއްކޮޅު އޮއްވާ އަމީތާބު ބުނަނީ: "އައިކޭން ޓާކް އިންގިލިޝް، އައިކޭން ވާކް އިންގިލިޝް، އައި ކޭން ލާފް އިންގިޝް" އެވެ. މަ ބެލި ޕްރޮގްރާމްތަކުން ފެނުނު ސިޔާސީވެރިންނަކީ ވެސް މިޒާތުގެ ބޭފުޅުންކޮޅެކެވެ. ކޮންމެ ސުވާލެއް ކުރިޔަސް ޖަވާބު ދެއްވާނީ "އައި ކޭން ޓާކް ޕޮލިޓިކްސް. އައިކޭން ވާކް ޕޮލިސްޓިކްސް، އައިކޭން ސިލީޕް ޕޮލިޓިކްސް!" އޭ ވިދާޅުވަމުންނެވެ. އަޅެ ފަހެ މަ މިހެދީ ދޮގެއް ހެއްޔެވެ؟