30 Aug 2025, 09:34
އިންޑިއާގައި އަހަރަކު އެއްފަހަރު ބާއްވާ އެންމެ ބޮޑު ފެސްޓިވަލްކަމަށްވާ މަހާ ކުމްބު މޭލާގެ ތެރޭގައި މިނާފަތި ވިއްކަން އުޅެނިކޮށް އާއްމުންގެ ސަމާލުކަން ހޯދި އަންހެނުން ކުއްޖާ މޮނަލިސާއަށް މަޅަޔާލަމް ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން އެންމެ 16 އަހަރުގެ މި އަންހެން ކުއްޖާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބެން ފެށީ އޭނާގެ ރީތި ލޮލާއި ހިނިތުންވުން އަދި ހަމުގެ ކުލައިގެ ތަފާތުކަމާ ހެދިއެވެ.
މި އަހަރުގެ މަހާ ކުމްބު މޭލާގައި ބައިވެރިވުމަށް އިންޑިއާގެ ޕްރަޔާގްރާޖްއަށް ދިޔަ ގިނަ ބައެއްގެ ސަމާލުކަން މޮނަލިސާއަށް ލިބި ވަރަށް ގިނަ ބަޔަކު ވަނީ އެ ދުވަސްވަރު އޭނާގެ ފޮޓޯތަކާއި ވީޑިއޯތައް ނަގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މޮނާލިސާ މަހާ ކުމްބު މޭލާގައި މިނާ ވިއްކަން ހަރަކާތްތެރި ވަނީ--ފޮޓޯ/ހިންދުންސްތާންޓައިމްސް
އާއްމުންގެ ފަރާތުން ލިބެންފެށި ސަމާލުކަމާ ހެދި އޭރު އާމްދަނީ ހޯދުމަށް މިނާފަތި ވިއްކުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސްއެޅި މޮނާލިސާ ވަނީ ފަހުން އެ ސަރަހައްދު ދޫކޮށް އޭނާ ދިރިއުޅޭ އަވަށަށް ގޮސްފައެވެ.
އެހެންނަމަވެސް އިންޓަނެޓުގައި ދައުރުވަމުންދިޔަ މޮނާލިސާގެ ފޮޓޯތަކަށް ލިބުނު ސަމާލުކަމާ އެކު ފިލްމު އިންޑަސްޓްރީގެ ޕްރޮޑިއުސަރުންގެ ލޯތައް މޮނާލިސާއަށް ހުއްޓި ފިލްމީ ދާއިރާއިން ފުރުސަތުތަކެއް އޭނާއަށް މަގުފަހިވިއެވެ. މޮނާލިސާ ވަނީ އޭނާ ސޮއިކޮށްފައިވާ ފުރަތަމަ ފިލްމަކީ މަޅަޔާލަމް ފިލްމެއް ކަމަށް ބުނެ އެ ފިލްމަށް ސޮއިކުރި ރަސްމިއްޔާތުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މޮނާލިސާ ސޮއިކޮށްފައި ވަނީ ސައުތު ސިނަމާގެ ޑައިރެކްޓަރު ޕީ ބިނޫ ވަގޭޝް ގެނެސްދޭ "ނަގައްމާ" ކިޔާ ފިލްމަކަށެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ޖީލީ ޖިއޯޖްއެވެ. މޮނާލިސާއާ އެކު ފިލްމުން ދެން ފެންނާނީ "ނީލަންތަމާރާ"ގެ އެކްޓަރު ކައިލާޝްއެވެ.
މި ފެށޭ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ މި ފިލްމާ އެކު މޮނާލިސާއަށް ފިލްމީ ދާއިރާއިން އިތުރު ފުރުސަތުތަކެއް ލިބުމަށް މަގުފަހިވާނެ ކަމަށް ޕްރޮޑިއުސަރު ޖީލީ ޖިއޯޖް ވަނީ ބުނެފައެވެ.