30 Aug 2025, 09:37
ބޮލީވުޑްގެ ބަތަލާ ޑަޔާނާ ޕެންޓީ އަދި ސައުތު ބަތަލާ ތަމަންނާ ބާޓިއާ ލީޑް ރޯލް ކުޅޭ ވެބް ސީރީސް "ޑު ޔޫ ވޮނަ ޕާޓްނަ؟"ގެ ޓްރެއިލާ އާއްމުކޮށްފިއެވެ.
އަންނަ މަހުގެ 12 ވަނަ ދުވަހު އެމެޒޯން ޕްރައިމްގައި ޕްރީމިއާކުރާ ގޮތަށް ހަމަޖެހިފައިވާ މި ސީރީސްގެ ޓްރެއިލާ ދައްކާލިއިރު ޓެލެވިޒަން ބަތަލާ ޝްވެތާ ތިވާރީ އަދި އަދި ޓީވީ އެކްޓަރު ނަކުލް މެހެތާ ވެސް މި ސީރީސްގެ ވަރަށް މުހިއްމު ރޯލްތަކުން ފެންނާނެކަން ވަނީ ކަށަވަރުވެފައެވެ.
މި ތަރިންނާ އެކު މިއީ ވަރަށް ފޯރިގަދަ ޝޯއަކަށްވާނެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ދަރުމާ ކުންފުނީގެ ދަރުމެޓިކް އެންޓަޓެއިންމަންޓްއިން ގެނެސްދޭ މި ވެބް ސީރީސް އަކީ އަންހެން ކެރެކްޓާއިން ބާރުވެރި ކުރުވުމުގެ މަގްސަދުގައި އެ ކުންފުނިން ގެނެސްދޭ ސީރީސްއެކެވެ.

"ޑު ޔޫ ވޮނަ ޕާޓްނަ؟"ގެ ސީރީސްގެ ލީޑް ތަރިން ކަމަށްވާ ތަމަންނާ އަދި ޑަޔާނާ-ފޮޓޯ/ބޮލީވުޑްހަންގާމާ
މި ވެބް ސީރީސްގެ ޑައިރެކްޓަރަކީ ދަރުމާއިން މިދިޔަ އަހަރު އެމެޒޯންއަށް އުފައްދައިދިން "ކޯލް މީ ބޭ"ގެ ޑައިރެކްޓަރު ކޮލިން ޑި ކަންހާއެވެ. ބަތަލާ އަނަނިޔާ ލީޑް ރޯލް ކުޅެފައިވާ "ކޯލް މީ ބޭ" ވެފައި ވަނީ ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ސީރީސްއަކަށެވެ.
"ޑު ޔޫ ވޮނަ ޕާޓްނަ؟" ސީރީސްއާ ބެހޭގޮތުން ބަތަލާ ތަމަންނާ ބާޓިއާ ބުނެފައި ވަނީ އެއީ ބަތަލާ މިހާތަނަށް މަސައްކަތްކުރި އެންމެ ޖަޒުބާތީ ނަމަވެސް އެންމެ މަޖާ ސީރީސް ކަމަށެވެ.
އެ ސީރީސްގެ ހާއްސަ ކަމަކީ އަންހެން ވެރިންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމުގެ މުހިއްމުކަން ހާމަކޮށްދީ އެކަމަށް ހިތްވަރުދިނުން ކަމަށް ތަމަންނާ ވަނީ ބުނެފައެވެ.
މިއި ތަމަންނާ އާއި ޑަޔާނާ އެކީގައި ބެލުންތެރިންނަށް ފެންނާނެ އަދި ދެ ތަރިން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމީ ޕްރޮޖެކްޓެވެ.