ބެންކޮކް (29 އޮގަސްޓް 2025) : ތައިލެންޑްގެ ދަސްތޫރީ ކޯޓުން އެގައުމުގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަތްރާ މަގާމުން ދުރުކޮށްފިއެވެ.

ޕެޓޮންގްޓާން މަގާމުން ދުރުކުރިއިރު އޭނާ ހުންނެވީ ފޯން މެދުވެރިކޮށް ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހުންސެން އާއެކު، ތައިލެންޑްގެ ގައުމީ މަސްލަހަތަށް ނުރައްކާވާފަދަ ވާހަކަތަކެއް ދެއްކެވި މައްސަލައެއް ފެންމަތިވެގެން އެމައްސަލައިގެ ހަގީގަތް ބެލުމަށްޓަކައި ފެށި ތަހުގީގު ނިމެންދެން ސަސްޕެންޑު ކޮށްފައެވެ. ސަސްޕެންޝަންގައި އެކަމަނާ ހުންނަވާތާ މިހާރުވަނީ ގާތްގަނޑަކަށް ދެމަސް ވެފައެވެ.

ކެމްބޯޑިއާގެ ކުރީގެ ބޮޑުވަޒީރު ހުންސެން އާ ކުރެއްވި ފޯންކޯލެއްގައި، ތައިލެންޑުގެ ސިޔާސީ މަސްރަހަށް ނުފޫޒު ފޯރުވައި އަދި އަތްގަދަކޮށްފައިވާ އެގައުމުގެ އަސްކަރިއްޔާގެ އިސް ވެރިންނަކީ ގައުމަށް ނުރައްކާތެރި ބައެއް ކަމަށް ޕެޓޮންގްޓާން ސިފަކުރެއްވިކަމަށްވަނީ ތުހުމަތު ކުރެވިފައެވެ. އަދި ޕެޓޮންގްޓާން ހުންސެން އާ މުޚާތަބު ކުރެއްވި ކަމަށް ވެސް ވަނީ ބޮޑުބޭބެ ނުވަތަ އަންކަލްގެ ނަމުންނެވެ.

އެދުވަސްވަރަކީ ތައިލެންޑާއި ކެމްބޯޑިއާގެ މެދުގައި އޮތް ޒަމާންވީ މައްސަލައެއްކަމަށްވާ ސަރަހައްދީ ރޮނގުގެ މައްސަލާ ހޫނުވި ދުވަސްވަރެކެވެ. ދެގައުމުގެ ސިފައިންގެ ހަމަލާތަކެއް ބަދަލުކުރަމުން ދިޔަ ދުވަސްވަރެކެވެ.

ތިން ހަފްތާއެއްހާ ދުވަސްވަންދެން ބަދަލުކުރި އެ ހަމަލާތަކުގައި ދެގައުމުގެ ސިފައިންނާއި އާންމުންގެ އެތަށް ބަޔަކު މަރުވެފައިވެއެވެ. ނަމަވެސް މެލޭޝިއާއާއި އެމެރިކާ މެދުވެރިއަކަށް ވެގެން ކުރި މަސައްކަތްތަކުގެ ސަބަބުން ސަރަހައްދީ ރޮނގު ހުރަސްކޮށް ދެގައުމުން ބަދަލުކުރަމުން ދިޔަ ހަމަލާތައް މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި ސުލްހަވެރި ގޮތުގައި އެމައްސަލަ ހައްލު ކުރުމަށްވެސް ދެގައުމުގެ ސަރުކާރުން މިހާރުވަނީ އެއްބަސްވެފައެވެ.

ޕެޓޮންގްޓާން ބޮޑުވަޒީރު ކަމުގައި ހުންނަވައިގެން، ހުންސެން އާއެކު ދެއްކެވި އެވާހަކަފުޅަކީ ކެމްބޯޑިއާއަށް ބޯލެނބުމުގެ އިތުރުން އެއީ ތައިލެންޑުގެ އަސްކަރިއްޔާއަށް ކުރަންޖެހޭ އިހްތިރާމް ކުޑަކުރުމުގެ އަމަލެއްކަމަށް އެދުވަސްވަރު ތައިލެންޑްގެ ޕާލަމެންޓްގެ ބައެއް މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ. އަދި އެއީ ޕެޓޮންގްޓާން ގެ ނަޒާހަތްތެރިކަން ގެއްލި ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ޝަޚްސިއްޔަތުގައި ހުންނަންޖެހޭ ސުލޫކީ މިންގަނޑުތަކާ ވެސް ޚިލާފު ކަމެއްކަމަށް ޕާލަމެންޓްގެ ބައެއް މެންބަރުންވެސް ވަނީ ވިދާޅުވިއެވެ.

ޕެޓޮންގްޓާން ޝިނާވަތްރާ އަކީ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަތްރާގެ ދަރިކަނބަލުންނެވެ. އެކަމަނާއަކީ ވަރަށް ޒުވާން އަދި ވެރިކަމުގެ ތަޖުރިބާ ވަރަށް ކުޑަ ބޭފުޅެކެވެ. މި ގޯސް ހެއްދެވުނީ އެކަމުގެ ސަބަބުން ކަމަށް ވަނީ ބެލެވިފައެވެ.

ތައިލެންޑްގައި އެންމެ ބާރުގަދަ ފަރާތަކީ އެގައުމުގެ ރަސްގެފާނެވެ. ދެން އެގައުމުގެ އަސްކަރިއްޔާ އެވެ. ތައިލެންޑްގެ އަސްކަރިއްޔާ އެގައުމުގެ ސިޔާސީ މަސްރަހުގައި ބާރުގަދަވުމުގެ ސިއްރަކީ އެގައުމުގެ ރަސްކަމުގެ ނިޒާމަށް ލޯކަނު ތާއީދެއްކޮށް ރަސްކަމުގެ ނިޒާމު ދަމަހައްޓަން އެހީތެރިވާތީ ކަމަށް އެގައުމުގެ މަސްރަހު ދިރާސާ ކުރާ ފަރާތްތައް ބުނެއެވެ.

ޕެޓޮންގްޓާން ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރީ ތައިލެންޑްގެ ދުސްތޫރީ ކޯޓުން ކަމަށްވިޔަސް މިކަމުގެ ފަހަތުގައި ތައި އަސްކަރިއްޔާ އޮތުމަކީ އެކަށީގެންވާ ކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެޓޮންގްޓާން އަކީ 2008 ގެ ފަހުން ތައިލެންޑުގައި މަގާމުން ދުރުކުރި ފަސް ވަނަ ބޮޑުވަޒީރެވެ. މަގާމުން ދުރުކުރި ބޮޑުވަޒީރުންގެ ތެރޭގައި ޕެޓޮންގްޓާން ގެ ބައްޕަ ތަކްސިން ޝިނަވަތްރާއާއި އާއި އެކަމަނާގެ ބޮޑުދައިތަ ޔަންގްލަކް ޝިނަވަތްރާ ހިމެނިވަޑައިގަންނަވައެވެ. ތައިލެންޑަށް މިހާތަނަށް އަސްކަރީ 17 އިންގިލާބު ގެނަސްފައިވެއެވެ.

ތައިލެންޑްގައި ބޮޑުވަޒީރުން މަގާމުން ދުރުކުރަނީ އަސްކަރިއްޔާއިން އިންގިލާބު ގެނަސްގެންނާއި ދަސްތޫރީ ކޯޓު މެދުވެރިކޮށް އެކަމަށް ގާނޫނީ އަމުރުތައް ނެރެގެންނެވެ.

ޕެޓޮންގްޓާން މަގާމުން ދުރުކޮށްފައިވާއިރު އޭނާގެ ބަދަލުގައި ދެން ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ބޮޑުވަޒީރުގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ރޮންގް ނަޔަކް ރައްތަމޮންތަރީ އެވެ.