ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހަށް ޚާއްސަކޮށްގެން ފެށި ޕްރޮމޯޝަންގެ ދެވަނަ ހަފުތާގެ ތިން ނަސީބުވެރިން ހޮވައިފި އެވެ.

ބީއެމްއެލްއިން ސީޓްރެކްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނަސީބުވެރިންގެ ގުރުއަތު ނަގައިދެއްވީ ބޭންކްގެ ޕްރިއޯރިޓީ ކަސްޓަމަރެއް ކަމަށްވާ ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ސަވާދެވެ.

ގުރުއަތުން ހޮވުނު މީހުންނަކީ މުހައްމަދު މުހައްނާދު ހުސެއިން (އައިޑީކާޑް ނަންބަރު: A-053824 ) އާއި އާމިނަތު ޝިނާން އަހުމަދު (A-077071 ) އަދި ޒިއުނާ ހަސަން (A-122716 ) ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެ ތިން މީހުންނަކީ ކޮންރަށެއްގެ ބައެއްކަމެއް ބީއެމްއެލް އިން ބުނެފައެއް ނުވެއެވެ.

ބީއެމްއެލް އިން ބުނީ އެ ޕްރޮމޯޝަންގައި ޑެބިޑް އަދި ކްރެޑިޓް ކާޑުން ބީއެމްއެލް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުން ވެސް ބައިވެރިކުރާ ކަމަށެވެ.

މިޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ތިން މީހަކަށް އެ ހަފުތާގައި ކާޑުން ވިޔަފާރިކުރުމަށް ހޭދަކުރި ހުރިހާ ފައިސާއެއް އަނބުރާ އެ ކަސްޓަމަރެއްގެ އެކައުންޓަށް ބޭންކުން ޖަމާކޮށްދެ އެވެ.