ދައުލަތުގެ ރިޒާވުގެ ގޮތުގައި ބަލައި، "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް" މަސްދުވަހުގެ ތެރޭގައި 51.8 މިލިއަން ރުފިޔާ މަދުވެ، ދައުލަތުގެ ރިޒާވު 5.13 ބިލިޔަން ރުފިޔާއަށް ވެއްޓިއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން މަހަކު އެއްފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން ޖޫން މަހުގެ 28 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ރިޒާވްގެ ޖުމްލައަކީ 5.19 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ މަހުގެ 31 ގައި ދައުލަތުގެ ރިޒާވް ރިވައިޒް ކުރިއިރު ރިޒާވުން 51.8 މިލިއަން ރުފިޔާ މަދުވެ އެ އަދަދު ވަނީ 5.14 ބިލިއަން ރުފިޔާއަށް ދަށަށް ގޮސްފަ އެވެ.

އެ ހިސާބުތަކުގައި އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައިވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައިވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާ އާއި އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.

އިތުރު ބަހެއް އެމްއެމްއޭގެ ފަރާތުން މިއަދު ލިބޭ ގޮތެއް ނުވި އެވެ. ދައުލަތުގެ ރިޒާވްގެ ގޮތުގައި ހުންނަ އެއްޗެއް ދަށަށް ދާން ދިމާވި މައިގަނޑު ސަބަބެއް ކަމަށް ހިސާބުތަކުން ދައްކަނީ ރާއްޖޭގައި ހުންނަ ބޭންކް ތަކަށް ލިބޭ ބޭރު ފައިސާގެ ޗެކްތައް މަދުވުމެވެ. އެ ޗެކްތައް ދިވެހި ފައިސާއަށް މާރު ކުރަން ހުށަހަޅަނީ އެމްއެމްއޭއަށެވެ.

އެބައިން އެމްއެމްއޭގެ ރިޒާވަށް ޖޫން މަހު ކޮންޓިރިއުބިއުޓް ކުރި 101.9 މިލިއަން ރުފިޔާ އަށް ވުރެ މިދިޔަ މަހު އެ އަދަދު ވަނީ 3.8 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ.

އެމްއެމްއޭގައި ހުންނަ އެ ބޭންކުގެ އަމިއްލަ ރިޒާވް، ނޫނީ "ޖެނެރަލް ރިޒާވު"ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

އެގޮތުން ޖޫން މަހު 412.4 މިލިއަން ރުފިޔާގައި ހުރި އެ ބޭންކުގެ ރިޒާވުން ވަނީ 13.3 މިލިއަން ރުފިޔާ މަދުވެ 399.1 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. އެމްއެމްއޭގެ ގާނޫނުން ލާޒިމް ކުރާ ގޮތުން އެ ބޭންކުގެ ޖުމްލަ ފައިދާގެ 50 ޕަސެންޓް ރިޒާވްގެ ގޮތުގައި ހުންނަންޖެހެ އެވެ. ހިސާބުތަކާއެކު ހުރި ނޯޓުތަކުގައިވާ ގޮތުން ބޭންކުގެ ރިޒާވް ހުރީ ހުންނަންޖެހޭ މިންގަނޑަށް ވުރެ ދެ ގުނަ މަތީގަ އެވެ. އިތުރު މައުލޫމާތެއް އެމްއެމްއޭ މެދުވެރިކޮށް މިއަދު ލިބޭގޮތެއް ނުވި އެވެ.

ދައުލަތުގެ ރިޒާވް ކަމަށް ކަނޑައަޅާފައިވާ އަދަދުން 51.8 މިލިއަން ރުފިޔާ މަދުވިއިރު ރާއްޖޭގެ އިގްތިސޯދު ރިވިއުކުރުމަށް މިދިޔަ އެޕްރީލް މަހު ރާއްޖެ ވަޑައިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ވަފުދުގެ ޗީފް، ޖޮނަތަން ޑަން ރާއްޖޭގެ އިގުތިސޯދު ރިވިއު ކުރުމަށް ފަހު ވިދާޅުވެފައިވަނީ ރާއްޖެ އަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން ދައުލަތަށް ނުކަތާ ވަރުގެ ބޮޑެތި ހަރަދުތައް ކުރަން ޖެހުމަކީ ރާއްޖޭގެ ރިޒާވް މުޅިން ހުސްވުމުގެ ބިރު އޮތް ކަމެއް ކަމަށެވެ.