ސިޔާސީ ޕާޓީތަކުގެ މެދުގައި ބާއްވާ ސުލްހައިގެ ވާހަކަތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސްނަ މަނިކުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނަވާ މަންދޫބެއްގެ ގޮތުގައި ނައިބު ރައީސް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) ހަމަޖައްސަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާތައް ބާއްވާނެ އަމާން މާހައުލެއް ގާއިމުކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކުރެވެމުންދާ މަޝްވަރާތަކުގެ ބައެއްގެ ގޮތުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާ އެކު ރައީސް ވަހީދުގެ ފަރާތްޕުޅުން ނައިބު ރައީސް ވަހީދުއްދީން ބައްދަލުވުމެއް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ނައިބު ރައީސް ސިޔާސީ ޕާޓީތަކުގެ ޕާލިމަންޓަރީ ގްރޫޕްތަކުގެ ލީޑަރުންނާ އެކު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިގެން ދިޔައީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރައީސް އާއި ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި މަޝްވަރާތަކަށް ފަހުގައި ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އެބައްދަލުވުންތައް ފައްޓާނެ ވަކި ތާރީހެއް މަޖިލިހަކުން އަދި ބުނެފައެއް ނުވެ އެވެ.