ޑައިރެކްޓަރު މަހޭޝް ބަޓް 1996 ވަނަ އަހަރު ގެނެސްދިން ފިލްމު "ޕާޕާ ކެހެތޭ ހޭ"އިން ގިނަ ބައެއްގެ ސަމާލުކަން ލިބުނު ބަތަލާ މަޔޫރީ ކަންގޯގެ މަތިން ހަނދާން އެބަހުރިހެއްޔެވެ؟

އެ ފިލްމަށް ފަހު ވަރަށް މަދު ފިލްމަކުން ފެނުނު ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ފެނުނީ 2000ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބާދަލް"އިންނެވެ. ފިލްމީ ދާއިރާއިން މާ ބޮޑު ކާމިޔާބީއަކާއި ކުރިއެރުމެއް ނުލިބުމުން ފިލްމު އިންޑަސްޓްރީއިން ދުރުވެ، މަޔޫރީ ވަނީ ކޯޕަރޭޓް ދުނިޔެއާ ގުޅިފައެވެ.

ކުރު ފިލްމީ ކެރިއަރެއް އޮތް މަޔޫރީ މާކެޓިން ދާއިރާއިން މާސްޓަސް ލެވެލްއާ ހަމައަށް ތައުލީމު ހާސިލުކުރުމަށް ފަހު މަސައްކަތްކޮށްފައިވަނީ ގޫގަލް ކުންފުނީގެ އިންޑިއާ ގޮފީގައެވެ. އެ ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމަށް ފަހު ބައިނަލް އަޤްވާމީ ކުންފުންޏަކާ ގުޅިފައިވާކަން މަޔޫރީ ވަނީ ލިންކްޑިންގައި ވެސް ހިއްސާކޮށްފައެވެ.

މަޔޫރީ ފިލްމު "ޕާޕާ ކެހެތޭ ހޭ"ގެ އެކްޓަރު ޖުގަލްއާ އެކު ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާން ޓައިމްސް

މަޔޫރީ ދާދި ފަހުން ވަނީ ޕަބްލިސިސް ގްލޯބަލް ޑެލިވަރީ (ޕީޖީޑީ) ކިޔާ ބައިނަލްއަގުވާމީ ކުންފުންޏެއްގެ އިންޑިއާގެ ޑެލިވަރީ ސެންޓަރުގެ ސީއީއޯގެ މަގާމާ ހަވާލުވެފައި ކަމަށާއި ބައިނަލްއަގުވާމީ ފެންވަރުގެ ލީޑަޝިޕް ޓީމަކާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފައެވެ.

ފިލްމުތަކުގައި މަސައްކަތް ކުރުމުގެ އިތުރުން މަޔޫރީ ވަނީ ބައެއް ޓެލެވިޒަން ސީރީޒްތަކުން ވެސް ފެނިފައެވެ. އޭގެ ތެރޭގައި "ކިޔާ ހާދިސާ ކުޔާ ހަގީގަތު"، "ކަރިސްމާ-ދަ މިރެކްލްސް އޮފް ޑެސްޓިނީ"، "ކުސުމް" އަދި "ރަންގޯލީ" ހިމެނެއެވެ.

ކޯޕަރޭޓް ދުނިޔޭގައި އަލަށް ފުރަން ލިބުނު މަގާމާ އެކު މީޑިއާއާއި ޓެކްނޮލިޖީގެ އިތުރުން ކުރިއަރަމުން އަންނަ ޑިޖިޓަލް ދުނިޔެއިން އާ ތަޖުރިބާތަކެއް ދަސްވެ ކަސްޓަމަރުންގެ ޚިދުމަތްތައް އާ އުސްމިންތަކަކަށް ގެނެސްދެވި ޚިދުމަތްތަކަށް އިތުރު ކުރިއެރުންތައް ގެނެސްދިނުމަށް އޭނާގެ ޓީމުން މަސައްކަތް ކުރާނެ ކަމަށް މަޔޫރީ ވަނީ ބުނެފައެވެ.

އިންޑިއާގެ ވިޔަފާރިވެރިޔާ އަދިތިޔަ ދިލޮންއާ ކައިވެނި ކުރުމަށްފަހު މަޔޫރި ވަނީ ދިގު މުއްދަތެއް ވަންދެން އެމެރިކާގައި ވެސް ދިރިއުޅެފައެވެ.