09 Aug 2012, 16:59
ވިލިމާލޭ ފެރީ ޓާމިނަލުގެ ކުރިމަތިން އޮންނަ ޕާކިން ޒޯނުން އެމްޓީސީސީއަށް ދީފައިވާ ބިމުގެ ކުލީގެ ގޮތުގައި ޖުލައި މަހުގެ ނިޔަކަށް އެކުންފުނިން ދައްކަންޖެހޭ 2،649،839.70 މިލިޔަން ރުފިޔާ ހަތް ދުވަހުގެ ތެރޭ ދައްކަން މާލޭ ސިޓީ ކައުންސިލުން އެމްޓީސީސީއަށް އަންގައިފި އެވެ.
ސިޓީ ކައުންސިލުން މިކަމަށް އެދިފައިވަނީ ވިލިމާލޭ ފެރީޓާމިނަލްގެ ކުރިމަތިން އޮތް 405 ނަމްބަރު ކޮށްޓާއި ވިލިމާލޭ ފެރީ ޓާމިނަލް ތަރައްގީ ކުރުމަށް އިންވެސްޓަރަކު ހޯދަން އެމްޓީސީން އާއްމުކޮށް އިއުލާނު ކުރުމާ ގުޅިގެން މޭޔަރު މައިޒާން އަލިމަނިކު ސޮއިކުރައްވާ އެމްޓީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އެ ސިޓީގައި އަލިބެ ވިދާޅުވެފައިވަނީ 405 ނަމްބަރު ކޮށިން އެމްޓީސީއަށް 17701 އަކަފޫޓުގެ ބިމެއް 04 ޖޫން 2008 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެބިން ތަރައްގީ ކުރާނެ އުސޫލުތަކެއް ކަނޑައެޅުމަށްފަހު ކަމަށާއި އެނޫން ކަމަކަށް އެބިން ބޭނުން ކުރާނަމަ އެކަމެއް ކުރެވޭނީ ސިޓީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށެވެ.
"އެމްޓީސީސީއަށް އެބިން ކުއްޔަށް ދޫކުރެވިފައިވަނީ ސަރުކާރުގެ އެހެން ކުންފުނިތަކަށް ވެސް ބިން ކުއްޔަށްދޭ އުސޫލުން މަހު ކުއްޔަށް ކަމަށްވެސް ތިޔަ ކުންފުންޏަށް ބިން ހަވާލުކުރި ދުވަހު އަންގާފައިވާނެ، އެބިމުގައި ތަރައްގީކުރާ އިމާރާތް ހެދުމަށް މުއްދަތެއް ކަނޑައަޅައި އެމުއްދަތު ހަމަވަންދެން ކުލި ނުނަގާ ގޮތަށް ހަމަޖެއްސިދާނެކަން ވެސް ވެސް އަންގާފައިވާނެ،" އަލިބެ ވިދާޅުވެފައިވެ އެވެ.
ނަމަވެސް ކުލި ނުނަގަން މުއްދަތެއް ހޯދަން އެމްޓީސީސީން މިއަދާ ހަމައަށްވެސް ހުށަހަޅާފައިނުވާތީ 405 ނަމްބަރުގެ ކޮށިން ދޫކޮށްފައިވާ 17701 ބިމާއި ކޮށީގެ ކުއްޔަށް މިދިއަ ޖުލައި މަހުގެ ނިޔަލަށް ދައްކަންޖެހޭ 2،649،839.70 މިލިޔަން ހަތް ދުވަހުގެ ތެރޭގައި ދައްކަން އެސިޓީގައި އަލިބެ ވަނީ އެދިވަޑައިގެންފަ އެވެ.
ވިލިމާލޭ ފެރީ ޓާމިނަލުގައި ފެމިލީ އެންޓަޓެއިންމަންޓް ސެންޓަރަކާއި އެތަނުގެ ކުރިމަތިން އޮންނަ ޕާކިން ޒޯންގެ ސަރަހައްދުގައި އޮންނަ ޕާކިކް ޒޯންގައި ޕާކިންއަކާ އެކު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އެމްޓީސީން ވަނީ އިޢުލާންކޮށްފަ އެވެ.
މޭޔަރުގެ ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި 405 ނަމްބަރު ކޮށިން އެމްޓީސީސީއަށް ދޫކޮށްފައިވަނީ ބިމުގެ ގްރައުންޑް ފްލޯ ބޭނުންކުރަންވާނީ ފްރެސް ފުޑް މާކެޓެއް ގޮތަށެވެ. އަދި އެމާރުކާޓު ހުންނަންވާނީ ކުރީގެ ލޯކަލް މާރުކޭޓު ގޮތަށް ގިނަ ގޮޅިތައް ހިމެނޭ ގޮތަށެވެ. އަދި އެގޮޅިތައް ދޫކުރަންވާނީ އޭރުގެ ލޯކަލް މާރު ކޭޓުގެ އަގުތަކާ އެއްްވަރުގެ އަގުތަކެއްގަ އެވެ. އަދި އެބިމުގައި ހަދާ އިމާރާތުގެ އެއް ވަނަ ބުރި އާއި ދެވަނަ ބުރި އާއި ތިން ވަނަ ބުރި ބޭނުން ކުރަންވާނީ އާއްމު ފަރާތްތަކުގެ ކާރާއި ސައިކަލްފަދަ ތަކެތި ޕާކްކުރެވޭނެ ގޮތަށް ކަމަށެވެ.
ޑރ، އަދުހަމް މިއަދު ވިދާޅުވީ އެކުންފުންޏަށް ސިޓީ ކައުންސިލުން 405 ކޮށިން ކުއްޔަށް ދޫކޮށްފައިވާ ބިން ތަރައްގީ ކުރުމަށް ހަމަޖައްސާފައިވަނީ ސިޓީ ކައުންސިލާ އެކު އެއްބަސްވެފަައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި އެގޮތުން އެތަނުގެ ތިރީ ފްލޯ ހަދަނީ ފްރެސް ފުޑް މާކެޓެއް ކަމަށެވެ އަދި މަތީ ތިން ބުރި ޕާކިންއަށް ކަމަށެވެ. އަދި އެބިމުގެ ކުލި ދައްކަން ޖެހޭނީ އެއިމާރާތް ތަރައްގީކޮށް ނިމުން ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވާ ކަމަށް އަދުހަމް ވިދާޅުވި އެވެ.
" އަޅުގަނޑުމެން އެތަން ތަރައްގީ ކުރުމަށް ޕްލޭންކޮށްފައިވަނީ ސިޓީ ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް، ސިޓީ ކައުންސިލަށް ކުލި ދައްކަންޖެހޭނީ އިމާރާތް އެޅުމުން، އަދި އިމާރާތް ނުވެސް އެޅޭ،" އަދުހަމް ވިދާޅުވި އެވެ.