ނޭޝަނަލް މެޓޮރޮލޮޖީ ލެބޯޓްރީ މޯލްޑިވްސް ޕޮލިޓެކްނިކަށް ބަދަލުކޮށް އެ ލެބޯޓްރީ މިއަދު ހުޅުވައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ) އާ ގުޅިގެން ހިންގާ އެސްއެމްޓީކިޔު ޕްރޮޖްކްޓްގައި ގާއިމްކޮށްފައިވާ ލެބޯޓްރީއަކީ މިނެ ކިރުމާއި މިންއެޅުމާއި އެކަންކަމާގުޅޭ މަސައްކަތްތައް ކުރާ ލެބޯޓްރީއެކެވެ. ލެބޯޓްރީގެ ސަބަބުން މިނެކިރުމާއި މިންއެޅުމުގެ ކަންތައްތައް ބައިލަންލަގުވާމީ މިންގަޑަށް ފެއްތޭނެ އެވެ.

ޕޮލިޓެކްނިކްގައި ބޭއްވި ރަސްމިއްޔާތެއްގައި އެތަނަށް ލެބޯޓްރީ ބަދަލުކުރުމުގެ އެއްބަސް ވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު މުހައްމަދެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓާ ޑރ. އާސިމް އަހުމަދެވެ. ލެބޯޓްރީ މިއަދު ހުޅުވައިދެއްވީ ވެސް އެ ދެބޭފުޅުނެވެ.

އިކޮނޮމިކް މިނިސްޓާ އަހުމަދު މުހައްމަދު ވިދާޅުވީ އެ ލެބޯޓްރީއަކީ ވިޔަފާރި ކުރުމަށްޓަކައި ގެންގުޅޭ މިންތައް ބަޔާން ކޮށްދިނުމުގެ މަސައްކަތްތަށް ކުރިއަށްގެންދާ ލެބޯޓްރީއެއް ކަމަށާއި ޕޮލިޓެކްނިކަށް އެ ލެބޯޓްރީ ބަދަލުކުރީ އެތަނުގައި އެކަމަށް ގާބިލް ބޭފުޅުން ތިއްބެވުމާއެކު އެހިދުމަތް ފުޅާކުރުމުގެ ފުރުސަތު ލިބިގެން ދާނެތީ ކަމަށެވެ.

"މިނެ ކިރުމަކީ ވަރަށް އިސްކަމެއް ދޭންޖެހޭ ކަމެއް އެގޮތުން ކިލޯއަކީ ކިލޯއެއްކަމެއް ކަށަވަރުވާން ޖެހޭ ލީޓަރަކީ ލީޓަރެއްކަން ކަށަވަރުވާންޖެހޭ، އަދި މިވަގުތު މިލެބޯޓްރީން ބެލެންހުރީ ބަރުމިނާއި ދިގުމިނާ ވޮލިއުމުން،" މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ހަތް ސަރަހައްދެއްގައި އެފަދަ ލެބޯޓްރީ ހެދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެކަމަށް ބޭނުންވާ ތަކެތި ވެސް މިހާރު ލިބިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ އެއީ ޕޮލިޓެކްނިކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެ ލެބޯޓްރީގެ ސަބަބުން ދަރިވަރުންނަށާއި ޓީޗަރުނަށް ފައިދާތަކެއް ކުރާނެ ކަމަށެވެ.