09 Aug 2012, 16:44
ބްރެޒިލްގެ ސަންތޯސްއަށް ކުޅެމުންދާ ހުނަރުވެރި ޒުވާން ފޯވާޑް ނޭމާ ވެސް ޗެލްސީއަށް ގެނެވިދާނެ ކަމަށް އެކްލަބާ އަލަށް ގުޅުނު ބްރެޒިލް މިޑްފީލްޑަރު އޮސްކާ ބުނެފިއެވެ.
އޮސްކާ ބުނީ، ނޭމާ އަކީ ޒުވާން ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ބޭނުން ޗެލްސީއަށް ވަރަށް ފުރިހަމައަށް ހިފިދާނެ ކުޅުންތެރިއެއް ކަމަށެވެ.
"ނޭމާއަކީ މޮޅު ކުޅުންތެރިއެއް. ޗެލްސީއަށް ނޭމާ ގެނައުމަށް (އަހަންނަށް) ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރެން މީގެ ކުރިން ވެސް ޗެލްސީގެ ވާހަކަ ނޭމާގާތު ދެއްކިން. ޔޫރަޕްގެ ކުލަބަކަށް ސޮއިކުރާނަމަ ޗެލްސީއަށް ސޮއި ހޯދުމަށް ވެސް ނޭމާގާތު ބުނެފައި ވާނެ" އޮސްކާ ބުންޏެވެ.
ޒުވާން ދެކުޅުންތެރިންކަމަށްވާ ނޭމާއާއި އޮސްކާ ދަނީ އިނގިރޭސިވަލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް މުބާރާތުގެ ފުޓްބޯޅަ އިވެންޓްގައި ބްރެޒިލް ޤައުމީ ފުޓްބޯޅަ ޓީމަށް ކުޅެމުންނެވެ. ޗެލްސީއާއި އޮސްކާ ގުޅުނީ އޮލިމްޕިކްސް މުބާރާތް ފެށުމުގެ ކުރިން 32 މިލިޔަން ޔޫރޯގެ އަގަކަށެވެ.