މި އަހަރު ޔަޝް ރާޖް ފިލްމްސްއިން ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ"ގެ ބަތަލާ އެ ކުންފުނީގެ އިތުރު ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސައްޔާރާ ނެރުނީ މިދިޔަ ޖުލައި މަހުގެ މެދުތެރޭގައި ކަމަށްވާއިރު އެ ފިލްމު އަދިވެސް ތިއޭޓަރުތަކުގައި ދައްކަމުންދެއެވެ. އަދި މިފަހުން ރިލީޒްކުރާ ފިލްމުތަކަށް ވެސް ދޫނުކޮށް ސައްޔާރާއަށް ލިބޭ އާމްދަނީ އަދިވެސް އަންނަނީ އިތުރުވަމުންނެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މިޑް-ޑޭގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން "ސައްޔާރާ"ގެ ބަތަލާ އަނީތު ޕައްޑާ އަނެއްކާވެސް ސޮއިކޮށްފައި ވަނީ ލޯބީގެ ޖޯންރާއަކަށެވެ.

އަނީތު އާއި އަހާން އަކީ މި ޒަމާނުގެ ޖެން ޒީ ކުދިންނަށް ވަރަށް ކަމުދާ ޖޯޑަކަށްވެފައި "ސައްޔާރާ"ގައި ގެނެސްދިން ވާހަކައަށް ޒުވާނުންގެ ފަރާތުން ލިބުނު ތަރުހީބާ ގުޅިގެން ޕްރޮޑިއުސަރު އަދިތިޔަ ބޭނުންވަނީ ކުރިމަގުގައި އެފަދަ ޖޯންރާގެ ފިލްމުތައް އުފެއްދުމަށް އިސްކަން ދިނުމަށެވެ.

އަނީތު ޕައްޑާ އަދި އަހާން ޕާންޑޭ ފިލްމު "ސައްޔާރާ"ގެ މަންޒަރެއްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

ޚާއްސަކޮށް އަހާން އާއި އަނީތު ކުރިމަގުގައި ކުޅޭނެ ފިލްމުތަކާއި ދެ ތަރިންގެ މަސައްކަތްތައް އަދިތިޔަ ވަރަށް ގާތުން ބަލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނީތު ސޮއިކޮށްފައިވާ ލޯބީގެ ފިލްމަށް ވަކި ނަމެއް ހަމަޖެހިފައި ނުވާއިރު މި ފިލްމަކީ ވައިއާރްއެފްގެ ޑައިރެކްޓަރު މަނީޝް ޝަރުމާ ގެނެސްދޭ ފިލްމެކެވެ. މަނީޝް އަކީ 2010 ވަނަ އަހަރު އެކްޓަރު ރަންވީރު ސިންގް ފިލްމު އިންޑަސްޓްރީއަށް ތައާރަފުކުރި "ބޭންޑް ބާޖާ ބާރާތު"ގެ އިތުރުން އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ފޭން" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ރިޕޯޓުތައް ބުނާގޮތުން މަނީޝްގެ މި ފިލްމަކީ އިންޑިއާގެ ޕަންޖާބަށް ނިސްބަތްވާ ވާހަކައަކާ ގުޅުން އޮތް ފިލްމެކެވެ. މި ފިލްމުގެ ލީޑް އެކްޓަރަކު އަދި ހަމަޖެހިފައިނުވާ ކަމަށާއި ފިލްމުގެ މަސައްކަތް ފަށަން ނިންމާފައި ވަނީ އަންނަ އަހަރުތެރޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ސައްޔާރާ"އިން އަނީތުއަށް ލިބުނު ލޯތްބާއި ތަރުހީބާ ގުޅިގެން ބަތަލާ ވަނީ ދާދިފަހުން ބެލުންތެރިންނަށް ޝުކުރު އަދާކޮށް އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓެއް ވެސް ލިޔެފައެވެ.

އަހާން އާއި އަނީތު ވެފައި ވަނީ މި ފަހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ޒުވާނުންގެ ތެރެއިން ބެލުންތެރިންގެ ލޯބި އެންމެ ބޮޑަށް ލިބުނު ދެ ތަރިންނަށެވެ.