09 Aug 2012, 16:41
މަލާގާއަށް ކުޅެމުން ދިޔަ ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ސެންޓީ ކާޒޯލާ އާސެނަލްއަށް ބަދަލުވެއްޖެއެވެ.
އާސެނަލްއާ ގުޅުމަށްފަހު މީޑިއާގައި ކާޒޯލާ ބުނެފައި ވަނީ، އާސެނަލްއަކީ މޮޅު ޓީމެއް ކަމަށާއި އެޓީމުން ހޯދަމުން އަންނަ ކާމިޔާބީ ތަކަކީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބީ ތަކެއް ކަމަށެވެ. އަދި އެކާމިޔާބީތައް ކުރިއަށް އޮތްތަނުގައި އާސެނަލްއަށް ހޯދައިދިނުމުގައި ގަދައަޅާ މަސައްކަތް ކުރާނެ ކަމަށް ވެސް ކާޒޯލާ ބުނެފައި ވެއެވެ
އުމުރުން 27 އަހަރުގެ ކާޒޯލާއަކީ މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި އާސެނަލްއާއި ގުޅުނު ތިންވަނަ ކުޅުންތެރިޔާއެވެ.
ކުރިއަށް އޮތް ސީޒަނަށް އާސެނަލް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، މީގެ ކުޑަދުވަސްކޮޅެއްގެ ކުރިން އެޓީމުން ހޯދި އަނެއް ދެކުޅުންތެރިންނަކީ ޖަރުމަން ފޯވާޑް ލޫކަސް ޕޮޑޮލްސްކީއާއި ފްރާންސް ފޯވާޑް އޮލިވާ ގިރޫޑެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް އާސެނަލް ޓީމް ޖަރުމަންވިލާތުގައި މިހާރުދަނީ ތައްޔާރީތައް ވަމުންނެވެ. އަދި ކުލަބު ދޫކޮށް ދާން ބޭނުންވެފައި ހުރި ނަމަވެސް އާސެނަލްގެ ކެޕްޓަން ރޮބިން ވެންޕާސީ ވެސްވަނީ އެޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.
މިމަހު ފަށާ ޕްރެމިއާ ލީގުގައި އާސެނަލްއިން ފުރަތަމަ ނުކުންނަންޖެހޭނީ ސަންޑަރލޭންޑާއި ދެކޮޅަށެވެ.