މިދިޔަ މަހު ސިނަމާތަކުގައި އެޅުވި, މަޝްހޫރު ތެލުގޫ އެކްޓަރު ވިޖޭ ދެވަރަކޮންޑާ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނަ ފިލްމު "ކިންގްޑަމް" ނެޓްފްލިކްސްގައި ޕްރީމިއާކޮށްފިއެވެ.

ބެލުންތެރިންގެ ފަރާތުން މަސްހުނި ރިވިއުތަކެއް ލިބުނު މި ފިލްމު ނެޓްފްލިކްސްއަށް ދޫކޮށްލާފައި މިވަނީ ފިލްމު ރިލީޒްކުރިތާ މަހެއް ވެސް ނުވަނީހެވެ.

އިއްޔެ ފިލްމު "ކިންގްޑަމް" ނެޓްފްލިކްސްއަށް ދޫކޮށްލިއިރު ތެލުގޫ، ތަމަޅަ، ކަންނާޑާ، މަޅަޔާލަމް އަދި ހިންދީ ބަހުން ފިލްމު ވަނީ ޑަބްކޮށްފައެވެ.

ހިންދީ ބަހުން ޑަބްކޮށްފައިވާ ފިލްމު ގެނެސްދޭނީ "ސާމްރާޖްޔާ"ގެ ނަމުންނެވެ. އެ ފިލްމުގެ ނަން ތަފާތުކޮށް ގެނެސްދީފައި ވަނީ "ކިންގްޑަމް" ނަމުގައި ހިންދީ ފިލްމު ރިލީޒްކުރުމުގެ ހުއްދަ ނުލިބުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ކިންގްޑަމް"ގެ މަންޒަރެއްގައި ވިޖޭ އަދި ސައުތު އެކްޓަރު ސަތުޔަދޭވް--ފޮޓޯ/މިޑް-ޑޭ

ވިޖޭގެ ވަރަށް ވަރުގަދަ އެކްޝަން ސީންތަކުން ފެންނަ މި ސްޕައި ތުރިލާ އަކީ، ކުޑައިރުއްސުރެ ގެއްލިގެން ހޯދަމުން ދިޔަ އެއްބަނޑު އެއްބަފާ ބޭބެ ހޯދުމުގެ މަސައްކަތާ ގުޅިގެން ފުލުހުންގެ ޚާއްސަ މިޝަންއަކަށް އޭނާ އިންޑިއާއިން ބޭރު ގައުމަކަށް ގޮސް ދިމާވާ ހާދިސާތައް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ވަރަށް ބޮޑު ބައެއްގެ މަންޒަރުތައް ޝޫޓުކޮށްފައި ވަނީ އިންޑިއާގެ އަވަށްޓެރި ގައުމު ސްރީލަންކާގައެވެ.

"ކިންގްޑަމް"ގައި ވިޖޭގެ އެކްޓިން ތަފާތުވެފައި މޮޅުވި ނަމަވެސް ބޮކްސް އޮފީހުގައި ފިލްމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ޖުމްލަ 130 ކްރޯޑް ރުޕީސް (15 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި "ކިންގްޑަމް"އަށް މިހާތަނަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 82.02 ކްރޯޑު ރުޕީސް (9.3 މިލިއަން ޑޮލަރެ)ވެ.