އިންޑިއާގެ މަޝްހޫރު ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރުއަށް ސްޕައި ޔުނިވާސް ފިލްމެއްގެ ލީޑް ރޯލްއިން ފުރުސަތު ދޭން ނިންމާފައި ވަނިކޮށް އެކްޓަރަށް އެ ފުރުސަތު މިހާރު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން މީގެކުރިން ނިންމާފައި ވަނީ ފިލްމު "ވޯ 2"ގައި ޖޫނިއަ އެންޓީއާރު ކުޅުނު ކެރެކްޓަ އެޖެންޓު ވިކްރަމް, ލީޑް ރޯލުން ފެންނަ ފިލްމެއް އުފެއްދުމަށެވެ.

އެއީ ފިލްމު "ވޯ 2"އަށް ޖޫނިއަ އެންޓީއާރު ގެނައިއިރު ސްޕްއި ޔުނިވާސްއިން އެކްޓަރަށްވި ވައުދެއް ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެޖެންޓު ވިކްރަމްގެ ކެރެކްޓާ ހިމެނޭހެން ފިލްމެއް ވުޖޫދެއް ނާންނެކަމަށް ވައިއާރްއެފްއިން ނިންމީ މި މަހު ކުރީކޮޅު ރިލީޒްކުރި ސްޕައި ޔުނިވާސްގެ ފިލްމު "ވޯ 2"އަށް ބޮކްސް އޮފީހުގައި ލިބުނު ތަރުހީބު ކުޑަކަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ވޯ 2"ގެ ޕޯސްޓަރެއް--ފޮޓޯ/އެމްއެސްއެން

ބެލުންތެރިންގެ ފަރާތުން ވެސް ފިލްމު "ވޯ 2"އަށް ލިބުނު ތަރުހީބު ކުޑަކަމުން ޖޫނިއަ އެންޓީއާރު ހިމަނައިގެން އިތުރު ފިލްމެއް ގެނެސްދިނުމުގެ ވިސްނުމެއް ވައިއާރްއެފްގެ އިސްވެރިޔާ އަދި "ވޯ 2"ގެ ޕްރޮޑިއުސަރު އަދިތިޔަ ނުގެންގުޅޭ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ފިލްމު "ވޯ" އަކީ ސްޕައި ޔުނިވާސްގެ އެންމެ ކާމިޔާބު ފްރެންޗައިސްގެތެރޭ ހިމެނޭ ޕްރޮޖެކްޓަށް ވެފައި އޭގެ ދެވަނަ ބަޔަށް އުއްމީދުކުރިވަރާ ގާތަށް ވެސް ވަނީ ތަރުހީބު ނުލިބިފައެވެ. ފިލްމު ބެލުމަށްފަހު ގިނަ ބަޔަކު ބުނެފައި ވަނީ އެ ފިލްމަކީ މިހާތަނަށް ސްޕައި ޔުނިވާސްއިން ގެނެސްދިން އެންމެ ފެންވަރު ދަށް ފިލްމު ކަމަށާއި އެއީ ސްޕްއި ޔުނިވާސްގެ ލެވެލްގެ ފިލްމެއް ނޫން ކަމަށެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ވައިއާރްއެފްއިން އެއްޗެކޭ ބުނެފައިނުވާއިރު ކުޅަދާނަ ތެލުގޫ އެކްޓަރު ޖޫނިއަ އެންޓީއާރުގެ ޓީމުން ވާހަކަ ދެއްކި މީހަކު މީޑިއާގައި ބުނެފައި ވަނީ އިތުރު ފިލްމެއްގައި މަސައްކަތް ކުރުމަށް އެކްޓަރުގެ ޝެޑިއުލް ތަން ނުދޭ ކަމަށެވެ.

އެއީ ޖޫނިއަ އެންޓީއާރު މިހާރުވެސް ވަރަށް ބޮޑު ދެ ފިލްމަކަށް ސޮއިކޮށް ތާރީޚުތަކެއް ވެސް ދީފައިވާތީ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ. އެއީ ފިލްމު "ކޭޖީއެފް"ގެ ޑައިރެކްޓަރު ޕްރަޝާންތު ނީލް އުފައްދާ "ޑްރެގަން" އަދި ފިލްމު "ދޭވަރާ 2"އެވެ.