28 Aug 2025, 08:40
އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީ މީގެ އެތައް އަހަރެއް ކުރިން ގަނެފައިވާ ގެއެއްގެ މައްސަލައިގައި ސްރީދޭވީގެ ފިރިމީހާ ބޮނީ ކަޕޫރު ހައިކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ބޮނީ ކަޕޫރު ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އިންޑިއާގެ ޗެންނާއީއިން ގަނެފައިވާ އެ ގެއަކީ އަންހެނުން ސްރީދޭވީ 1988ވަނަ އަހަރުތެރޭ ގަނެފައިވާ ސްރީދޭވީގެ މިލްކިއްޔާތެއް ކަމަށެވެ.
އެހެންނަމަވެސް އެ ގެއާ ނުވެސް ބެހޭ ތިން ފަރާތަކުން އެއީ އެ މީހުންގެ ގެއެއް ކަމަށް ބުނެ އެތަން މިލްކުކޮށް ދިރިއުޅެމުން އަންނާތީ އެ މައްސަލަ ބަލައި ދިނުމަށް ބޮނީ ވަނީ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައެވެ.
އިންޑިއާގެ މަޑްރާސް ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ބޮނީ ބުނެފައި ވަނީ އެ ގޭގެ ވެރިފަރާތްކަމަށް ބުނެ ދައުވާކުރާ ތިން މީހުން އެތަން އަތުލާފައި ވަނީ އޮޅުވާލައިގެން ކަމަށެވެ.

ބޮނީ ކަޕޫރު އަންހެނުން ސްރީދޭވީ އަދި ދެ ކުދިން ކަމަށްވާ ޖާންވީ ކަޕޫރު އަދި ޚުޝީ ކަޕޫރާ އެކު--ފޮޓޯ/އެންޑީޓީވީ
ޗެންނާއީގެ އީސްޓް ކޯސްޓު ރޯޑުގައި ހުންނަ އެ ގެ ސްރީދޭވީ ގަނެފައި ވަނީ، އެމްސީ ސަމްބަންދާ މުދާލިއާ ކިޔާ މީހެއްގެ އަތުންނެވެ. އޭރު އެ އާއިލާއިން އެ ޕްރޮޕަޓީ އާއިލާގެ މެމްބަރުންގެ މެދުގައި ބަހާލާފައިވާ ކަމަށާއި ސްރީދޭވީ ގަނެފައިވާ ބިމަކީ ޤާނޫނާ އެއްގޮތަށް ބަތަލާއަށް ހައްގު ތަނެއް ކަމަށް ބޮނީ ވަނީ ބުނެފައެވެ.
އެހެންނަމަވެސް އަންހެނަކާއި އޭނާގެ ދެ ފިރިހެން ކުދިން ވަނީ ސްރީދޭވީއަށް ލިބުނު ޕްލޮޓަކީ އެ މީހުންގެ ހައްގު ބައިން ލިބުނު ތަނެއް ކަމަށް ބުނެފައި ކަމަށް ބޮނީ ވަނީ ހައިކޯޓުގައި ބުނެފައެވެ.
އެ އަންހެންމީހާ ބުނާގޮތުން އޭނާ އަކީ އެ ޕްރޮޕަޓީ ވިއްކާލި މީހާ ކަމަށްވާ މުދާލިއާގެ ދަނބިދަރިއެކެވެ. އަދި އެ ކައިވެނި ކުރީ 1975ވަނަ އަހަރު ކަމަށެވެ. ނަމަވެސް ހައިކޯޓުގައި ބޮނީ ބުނެފައި ވަނީ 1999ވަނަ އަހަރާ ހަމައަށް ވެސް އެ އަންހެންމީހާ ފިރިއެއް ކަމަށް ދައުވާކުރާ މީހާގެ ފުރަތަމަ އަނބިމީހާ ދުނިޔޭގައި ހުރި ކަމަށެވެ.
އެހެންކަމުން ދެވަނަ ކައިވެންޏެއް ކުރި ނަމަވެސް އިންޑިއާގެ ގާނޫނުގައި އޮތްގޮތުން އެ ކައިވެނި ވާނީ ގާނޫނާ ޚިލާފު ކައިވެންޏެއް ކަމަށާއި އެ އަންހެންމީހާއަށް ސްރީދޭވީ ގަނެފައިވާ ގެ ގާނޫނީ ގޮތުން ލިބިދެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
ޗެންނާއީގައި ފަހުން ފާމްހައުސްއެއްގެ ގޮތަށް ޑިޒައިންކޮށް އިމާރާތްކޮށްފައިވާ އެ ގެއަކީ ސްރީދޭވީ އާއި ދެ ކުދިން ޖާންވީ އަދި ޚުޝީއާ އެކު ވަރަށް އުފާވެރި ވަގުތުތަކެއް އެ އާއިލާއިން ހޭދަކޮށްފައިވާ ތަނެކެވެ.
އެހެންކަމުން އެ ގެ އަނބުރާ ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ބޮނީ ވަނީ ބުނެފައެވެ. ހައިކޯޓަށް ބޮނީ ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުންތަކަށްފަހު ހަތަރު ހަފުތާ ފަހުން މައްސަލައަށް ގޮތެއް ނިންމާނެ ކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.