27 Aug 2025, 23:45
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް މިއަދު މަޖިލިސް ދޮށުގައި މުޒާހަރާކުރި އެއްވެސް ނޫސްވެރިއަކު ހައްޔަރުނުކުރާ ކަމަށާއި، ނަމަވެސް ހުރަސްއެޅީ ގްރީން ޒޯނުގައި އަޑުގަދަކޮށް، މުޒާހަރާކުރާތީ ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މީޑިއާ 'ކޮންޓްރޯލް ކުރުމަށް' ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް މިއަދު މަޖިލިސް ދޮށުގައާއި މުލިއާގޭ ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ ނޫސްވެރިންތަކަކަށް ގާނޫނީ އިންޒާރުދީ ދޫކޮށްލިއެވެ.
ނަމަވެސް ނޫސްވެރިން ހައްޔަރުކުރީއޭ ބުނެ ދައްކަމުންދާ ވާހަކަތައް ފުލުހުން ވަނީ ދޮގުކޮށްފައެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބޭއްވި މުޒާހަރާއާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި އެތަނުގައި ހާޒިރުވެ ތިބި މީޑިއާތަކަށް އަންގާފައި ވަނީ ގްރީން ޒޯނުން ބޭރަށް ނުކުތުމަށް ކަމަށް ފުލުހުން ބުންޏެވެ. އެއީ އެ ސަރަހައްދަކީ ގާނޫނުތަކުގެ ދަށުން މުޒާހަރާތައް ނުވަތަ އާންމު އެއްވުންތަކަށް ގާނޫނީ ހުއްދަ ލިބިފައިވާ ސަރަހައްދަކަށް ނުވުމުން ކަމަށް ފުލުހުން ބުންޏެވެ.
އެ އެންގުމާ އެއްގޮތަށް އެ ސަރަހައްދުގައި އެވަގުތު ތިބި ފުލުހުން މަސައްކަތްކުރީ ކަނޑައެޅިފައިވާ ގޮތުގެ މަތިން އާންމު ރައްކާތެރިކަމާއި ހަމަޖެހުން ދެމެހެއްޓުމަށް ކަމަށް ފުލުހުން ބުންޏެވެ.
އަދި މޯލްޑިވްސް ޕޮލިސް ސާވިސްއިން ގާނޫނުއަސާސީގެ ހައްގުތަކަށް އިހުތިރާމްކުރާ ކަމަށާއި އޭގެ ތެރޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވެސް އިހުތިރާމް ކުރާކަމަށް ބުންޏެވެ. ވަކިން ޚާއްސަކޮށް މީޑިއާގެ ދައުރަކީ ޑިމޮކްރެޓިކް މުޖުތަމައެއްގައި މުހިންމު ދައުރެއް ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ސުލްހަ މުޒާހަރާތަކާއި އެއްވުންތަކަށް މަގުފަހިކޮށްދީ، އެފަދަ ހަރަކާތްތައް ގާނޫނާއި ގަވާއިދުގެ ތެރެއިން އާއްމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހިންގުމަށް ފުލުހުން އެއްބާރުލުންދޭނެ ކަމަށް ފުލުހުން ބުންޏެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދައުރުން ބޭއްވި މިއަދު ބޭއްވި ޖަލްސާގައި ވަނީ މީޑިއާ ބިލު ބަލައިގެންފައެވެ. އެއީ 49 މެންބަރުންގެ ތާއިދާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

މުލީއާގޭ ކުރިމަތީ ނޫސްވެރިން އިހުތިޖާޖު ކުރަނީ -- ސަން ފޮޓޯ/ އަހްމަދު އިޔާދު
އެ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން މަޖިލިސް ކައިރީ މުޒާހަރާ ކުރިއެވެ. އެއަށްފަހު ދެން ނޫސްވެރިން އެއްވީ، ރައީސް އޮފީސް ކުރިމައްޗަށެވެ.
އެ މުޒާހަރާގެ ބައިވެރިން ރައީސް އޮފީސް ކައިރީގައި ތިއްބައި ފުލުހުން ވަނީ މުޒާހަރާއަށް ހުރަސްއަޅައިފައެވެ. އެގޮތުން، ދައުރުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމާއި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި އަހުމަދު އާއިދުގެ އިތުރުން ސިޓިޒެން ނޫހުގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރު މޫސާ ރަޝީދު، ހިފަހައްޓައިގެން ގެންގޮސްފައިވެއެެވެ.
އޭގެ ތެރެއިން ބައެއް ނޫސްވެރިން ގެންގޮސް ފުލުހުންގެ އުޅަނދަށް އެރުވި ނަމަވެސް، ގާނޫނީ އިންޒާރު ދީފައި ވަނީ ދޫކޮށްލައިފައެވެ.
އޭގެ ފަހުން ނޫސްވެރިން އެއްވެ ތިބީ، މުލިއާގޭ ކުރިމަތީގައެވެ. މުލިއާގޭ ކުރިމަތީގައި ވެސް ނޫސްވެރިން މި ބިލާ ދެކޮޅަށް ޝުއޫރު ފާޅުކުރިއެވެ.