އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލްކުރާ ކުޅުންތެރިންނަށް "ލަންޑަން 2012 އޮލިމްޕިކްސް" މުބާރާތުން ފެށިގެން ބައިވެރިވާ ކޮންމެ އޮލިމްޕިކްސް މުބާރާތަކަށް އެލެވެންސެއް ދޭގޮތަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.

ކުޅިވާރާ ބެހޭ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، އޮލިމްޕިކްސްގައި ވާދަކުރާ ކުޅުންތެރިންނަށް އެލަވެންސެއް ދޭން ނިންމީ މި އަހަރަކީ ދިވެހި ތާރީޚުގައި ފުރަތަމަ އަހަރަށް ދިވެހި ކުޅުންތެރިއަކު އޮލިމްޕިކްސްއަށް ކޮލިފައިވެ، ރައްޖެއަށް ރީތިނަން ހޯދައިދިން އަހަރު ކަމަށް ވާތީވެ، ދިވެހި ކުޅުންތެރިންގެ މިންނަތް މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި ރާއްޖެއިން ރާއްޖޭން ވާދަކުރަނީ ފަސް އެތުލީޓެކެވެ. އެއީ ރާއްޖޭގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިއާ މުހައްމަދު އަޖުފާނާއި ސްވިމިން އިން ވާދަކުރާ އައިމިނަތު ސަޖަން އާއި އަހުމަދު ހުޝާމާއި އެތުލެޓިކްސް އިން ވާދަކުރާ އަހުމަދު އަޒުނީމާއި އަފާ އިސްމާއިލެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި 204 ގައުމަކުން 10000 ވުރެ ގިނަ އެތްލީޓުން ވާދަކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.