ނޫސްވެރިން ލާންވީ ޖަލަކަށް ނޫން ކަމަށާއި 'އުލުބައިދަންވީ' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިތީ އޮތް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި މީޑިއާ ކޮންޓްރޯލް ބިލު ވަނީ ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފައެވެ. އެއީ، އެ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުން ދަނިކޮށެވެ.

އެގޮތުން މިއަދު މަޖިލިސް ތަޅުމުގައި މީޑިއާތައް ކޮންޓްރޯލް ކުރާ ބިލަށް ބަހުސްކުރައްވައި، ފަލާހު ވިދާޅުވީ، ބައެއް ނޫސްތަކުގައި އޭނާއޭ ކިޔައިގެން ލިޔުނު ނުހައްގު ޚަބަރުތަކުގެ ސަބަބުން އޭނާއަކީ ނިކަމެތި ކަމެއް ދިމާވެފައި ހުރި މީހެއް ކަމަށެވެ.

އަޅުގަނޑާ ވައްތަރު މީހެއްގެ ފޮޓޯ ޖަހައިގެން އަޅުގަނޑަކީ [އެއް ޖިއްސުން ގުޅުން ހިންގާ މީހަކަށް ހެދީ]. އަޅުގަނޑުގެ ވެސް ތިބޭ އަނބިދަރިން ވެސް. ބޮޑެތި ވެފައި ތިބި ދަރިން ވެސް އެބަތިބި. ކުދި ދަރިން ވެސް އެބަތިބި. މީތޯ މީޑިއާ މަސައްކަތް ކުރާ ގޮތަކީ އިއްޒަތްތެރި ރައީސް؟އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

އެ ފެންވަރުގައި މީޑިއާތައް މަސައްކަތް ކުރުމުން ލާން ޖެހެނީ ޖަލަކަށް ނޫން ކަމަށާއި ނޫސްވެރިން 'އުލުބައިދަންވީ' ކަމަށް ފަލާހު ވިދާޅުވިއެވެ. ރަދީފުގައި ބުނާ ގޮތުން، އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މެރުމަށް ހަދާ ގޮތެކެވެ. އެގޮތުން، އުލު ބައިންދާއިރު، ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މީހާ ބައިންދާ ކަމަށް ރަދީފުގައި ބުނެފައިވެއެވެ.

ފަލާހު ވަނީ، އެ މައްސަލަ އޭނާ އެމްޑީޕީ ސަރުކާރުގައި ފުލުހަށް ވެސް ހުށަހެޅިކަން ފާހަގަކުރައްވާފައެވެ. އަދި، ހައްގަކާއި ނުލާ އެފަދަ ކަންކަން ބަރުދާސްތުކޮށްފައި ތިބޭނީ ކިތައް މީހުންތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މި ލެވެލްގައި މަސައްކަތް ކުރީމައި މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]. އުލު ބައިދަންވީ. އިނގޭތޯ ރައީސްއިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ފަލާހުގެ މި ވާހަކައާ ގުޅިގެން ވަރަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި އަންނަނީ ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން އިނާ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރަށް ނިސްބަތްވާ މަޖިލީސް މެންބަރެއްގެ ފަރާތުން އެފަދަ ވާހަކައެއް އިވުމަކީ ދެރަވާ ކަމެއް ކަމަށެވެ. ފިރާގަށް ފަލާހު އެނގިވަޑައިގަންނަވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، އެއީ ރަނގަޅު މީހެއް ކަމަށް ދެކިވަޑައިގަންނަވައޭ ވިދާޅުވާން މިއަދު ހިތާމަކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ފަލާހު އެހެން ވިދާޅުވީ، އޭނާއަށް އައި ޕްރެޝަރެއްގެ ސަބަބުން ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އަނިޔާވެރިވުމަށް މަޖިލީހުގެ މެންބަރަކު ގޮވައިލުމަކީ ތަހުގީގު ކުރަންޖެހޭ ވަރުގެ ބޮޑު މައްސަލައެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ފަލާހުގެ އެވާހަކަ ކުށްވެރިކޮށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެމްޑީޕީން ވަނީ ފަލާހުގެ އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

މި ހުށަހެޅުމަކީ ހަމައެކަނި އިންސާނީ އަސާސީ ހައްގުތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ވަރަށް ބޮޑަށް އަރައިގަތުމެއް ނޫން ކަމަށާއި، އެއީ ހާސްކުރުވަނިވި އަނިޔާވެރި އަދި ލާއިންސާނީ ހުށަހެޅުމެކެވެ.

ވަކިން ޚާއްސަކޮށް ވެރިކަން ކުރާ ޕާޓީގެ މެޖޯރިޓީ ލީޑަރު، ޑިމޮކްރަސީއާއި އިންސާނީ ކަރާމާތުގެ އުސޫލުތަކަށް ބުރޫ އަރާފަދަ މޭރުމުން ވަކާލާތުކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ބިރުވެރި ކަމެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރިއެވެ.

އެގޮތުން އެމްޑީޕީން ވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތައް ހިމާޔަތްކޮށް، ޑިމޮކްރެޓިކް އަގުތައް ހިފެހެއްޓުމަށް ސަރުކާރަށް އިލްތިމާސްކޮށްފައެވެ.

މިހާރު ހުށަހަޅާފައި އޮތް މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓަރީ ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.