09 Aug 2012, 16:35
މިހާރު ކުރިއަށްދާ ދެވަނަ ރަމަޟާން ކެރަމްކަޕްގެ ފިރިހެން އަދި އަންހެން ސިންގަލްސްގެ ކުއަޓާ ފައިނަލް މެޗުތައް ނިމި ސެމީ ފައިނަލަށް ކުޅުންތެރިން ދަތުރު ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯލްގައި ކުރިއަށްދާ މިމުބާރާތުގެ ފިރިހެން ސިންގަލްސްގެ ކުއަޓާ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކުރީ ހަސަން ނާޒިމާއި ބައްދަލުކޮށް ހުސެއިން ނީޝާމެވެ. ކުއަޓާ ފައިނަލް ދެވަނަ މެޗު ޝަފްރާޒް އާދިލް އާއި ބައްދަލުކޮށް އަލީ އަކްރަމް ކާމިޔާބުކުރި އިރު ކުއަޓާ ފައިނަލް ތިންވަނަ މެޗު ކާމިޔާބު ކޮށްފައިވަނީ ހުސެއިން އަލީ އާއި ބައްދަލުކޮށް މުހައްމަދު އިބްރާހިމެވެ. އަދި މިބައިގެ ހަތަރުވަނަ މެޗު ކާމިޔާބުކޮށްފައިވަނީ ސަދޫހު ސާމިޢު އާއި ބައްދަލުކޮށް ޝާފީ މުހައްމަދެވެ.
އަންހެން ސިންގަލްސް ކުއަޓާ ފައިނަލް ފުރަތަމަ މެޗު ކާމިޔާބުކުރީ މަރިޔަމް ސިޔާދާ އާއި ބައްދަލުކޮށް އައިޝަތް ޝަޒްނާއެވެ. ކުއާޓާ ފައިނަލް ދެވަނަ މެޗު އަފީފުއްނިސާ އާއި ބައްދަލުކޮށް އައިމިނަތް ވިދާދު ކާމިޔާބުކުރި އިރު ކުއާޓާ ފައިނަލް ތިންވަނަ މެޗު ކާމިޔާބު ކޮށްފައިވަނީ ފާތިމަތް ޒޫޝާނާއި ބައްދަލުކޮށް އައިމިނަތް ވިޝާމާ އެވެ. އަންހެން ސިންގަލްސް ކުއަޓާ ފައިނަލް ހަތަރުވަނަ މެޗު ކާމިޔާބުކޮށްފައިވަނީ އައިޝަތް ޝަހުދާ އާއި ބައްދަލުކޮށް އައިޝަތް ފައިނާޒެވެ.
މިމުބާރަތުގައި މިރޭ ކުޅޭ ކުޅުމަށް ހަމަޖެހިފައި ވަނީ އަންހެން އަދި ފިރިހެން ސިންގަލްސްގެ ސެމީ ފައިނަލް މެޗުތަކެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ޑަބަލްސް އިވެންޓުގެ ކުޅުންވެސް މިރޭ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފިރިހެން ޑަބަލްސްގައި އަށާރަ ޕެއާ އަކުން ވާދަކުރާއިރު އަންހެން ޑަބަލްސްގައި ހަތް ޕެއާއަކުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަހުގެ ފަސް ވަނަ ދުވަހުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ 58 ފިރިހެން ކުޅުންތެރިއަކާއި 22 އަންހެން ކުޅުންތެރިއަކު ވާދަކުރެއެވެ.
މިމުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވާ އިވެންޓުތަކަކީ ފިރިހެން އަދި އަންހެން ސިންގަސް އާއި ފިރިހެން އަދި އަންހެން ޑަބަލްސް އިވެންޓެވެ. ކޮންމެ ރެއަކުވެސް ރޭގަނޑު 9:15 އިން 12:00 އަށް ގަލޮޅު ދަނޑުގައި ހުންނަ ރަސްމީ ކެރަމް ހޯލުގައި ކުރިއަށްދާ މިމުބާރާތުގެ ކުޅިބެލުން ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.