މީޑިއާ 'ކޮންޓްރޯލް ކުރުމަށް' ރައްޔިތުންގެ މަޖިލީހުން ހުށަހަޅައިފައިވާ ބިލާ ދެކޮޅަށް މިއަދު މުޒާހަރާ ކުރަމުން ދިޔަ ފަސް ނޫސްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ގާނޫނީ އިންޒާރު ދީފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދައުރުން ބޭއްވި މިއަދު ބޭއްވި ބައްދަލުވުމެއްގައި ވަނީ މީޑިއާ ބިލު ބަލައިގެންފައެވެ. އެއީ 49 މެންބަރުންގެ ތާއިދާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.

އެ މުޒާހަރާގެ ބައިވެރިން ރައީސް އޮފީސް ކައިރީގައި ތިއްބައި ފުލުހުން ވަނީ މުޒާހަރާއަށް ހުރަސްއަޅައިފައެވެ. އެގޮތުން، ދައުރުގެ ނޫސްވެރިޔާ މުޒައްޔިން ނާޒިމާއި އަދަދު ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި އަހުމަދު އާއިދުގެ އިތުރުން ސިޓިޒެން ނޫހުގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ ކުރީގެ މެންބަރު މޫސާ ރަޝީދު، ހިފަހައްޓައިގެން ގެންގޮސްފައިވެއެެވެ.

އޭގެ ތެރެއިން ބައެއް ނޫސްވެރިން ގެންގޮސް ފުލުހުންގެ އުޅަނދަށް އެރުވި ނަމަވެސް، ގާނޫނީ އިންޒާރު ދީފައި ވަނީ ދޫކޮށްލައިފައެވެ.

މިހާރު ނޫހުގެ ފޮޓޯ ޖާނަލިސްޓް ފަޔާޒު މޫސާ ހިފެހެއްޓަނީ: ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނޫސްވެރިންނަށް ގާނޫނީ އިންޒާރު ދިނުމަށް ފަހު ވަނީ ދޫކޮށްލައިފައި -- ސަން ފޮޓޯ/ އަހުމަދު އިޔާދު

އާދޭހާއެކު ނޫސްވެރިން ގޮވާލަމުން އަންނަނީ, ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ, މިނިވަން މީޑިއާ, ސީދާ ސަރުކާރުން ކޮންޓްރޯލްކުރެވޭ ގޮތަށް ގާނޫނު ނުހެދުމަށެވެ. އެއީ, ގާނޫނުއަސާސީން ދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ނޫސްވެރިން ދިޔައީ ބުނަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.