ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް ބާރުތައް ލިބިދޭ މީޑިއާ ބިލު ބޭރުކޮށްލުމަށް ނޫސްވެރިން ގޮވާލަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން މިއަދު އެ ބިލު ބަލައިގެންފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދައުރުން ބޭއްވި ބައްދަލުވުމުގައި އެ ބިލު ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވީ 49 މެންބަރުންގެ ތާއިދާއެކުގައެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.

އެ ބިލު ހުށަހެޅުއްވީ ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

މީޑިއާ 'ކޮންޓްރޯލް'ކުރާ ބިލާ ގުޅިގެން ނޫސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ބިލާ އެކު މިނިވަން ނޫސްވެރިކަން ނެތިކޮށްލާނެ ކަމަށާއި މުޅި ބިލުގެ މަގުސަދަކީ މީޑިއާ ކޮންޓްރޯލްކުރުން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.

އެ ބިލާ ދެކޮޅަށް އިދިކޮޅު އެމްޑީޕީއާއި ނޫސްވެރިން ވަނީ މަޖިލިސް ކައިރީގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

އެ ބިލަށް ތާއިދުކޮށް ސަރުކާރުން މެންބަރުން ވާހަކަދެއްކެވިއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީޑިއާ ކޮންޓްރޯލް ކުރަން ޝައުގެއް ނެތް ކަމަށާއި، މީޑިއާ ބިލުން ރައީސަށް ބާރުތައް ނުލިބޭ ގޮތަށް ބިލް ފާސްކުރަން އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.

އެ ބިލާ ގުޅޭ ގޮތުން، ރާއްޖޭގެ އެންމެ ތަޖުރިބާކާރު ބައެއް ނޫސްވެރިން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ، ބިލު މިހާރު އޮތް ގޮތުން ކޮމިޓީ މަރުހަލާގައި ވެސް އެދެވޭ ގޮތެއްގައި އިސްލާހު ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެހެންވެ، ބިލު ބޭރުކޮށްލައި، ކަމާ ގުޅުންހުރި ފަރާތްތަކާއި ބޭރުގެ ލަފަޔާއެކު އައު ބިލެއް އެކުލަވާލަން އެ ނޫސްވެރިން ގޮވައިލެއްވިއެވެ.