09 Aug 2012, 16:32
ނަލަހިޔާ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ އޭވައިއެލް 7-1 ބަލިކޮށް ވިކްޓަރީ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ޓާފް ދަނޑުގައި ކުޅުނު މިމެޗުގައި އޭވައިއެލް ކޮޅަށް ވިކްޓަރީން ޖެހި ހަތް ގޯލުގެ ތެރެއިން އިސްމާއިލް އަނިލް ވަނީ ފަސް ގޯލް ޖަހައިފައެވެ. ވިކްޓަރީގެ އަނެއް ދެ ގޯލް ކާމިޔާބު ކުރީ މުހައްމަދު ޝާޒްލީ އާއި މުހައްމަދު އިބްރާހިމް (ކައްޕި) އެވެ.
އިއްޔެގެ މެޗުގައި ވިކްޓަރީ ކޮޅަށް އޭވައިއެލް އިންޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މުހައްމަދު ޒެނިތުއެވެ.
ވިކްޓަރީގެ އިތުރުން މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައިވާ އަނެއް ތިން ޓީމަކީ ޗެމްޕިއަން ވެލެންސިއާ އާއި ސިފައިންގެ ކްލަބް އަދި މާޒިޔާ އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސިފައިންގެ ކްލަބާއި ވެލެންސިއާ އެވެ. އަދި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިއު އާއި މާޒިޔާއެވެ.
މި މުބާރާތަކީ ކުޅުންހުއްޓާލާފައިތިބި 35 އަހަރުން މަތީގެ ކުޅުންތެރިންގެ މުބާރާތެކެވެ.