އަތޮޅުތެރެއަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން, މިއަދު ހެނދުނު ހދ. ކުމުންދުއަށް ވަޑައިގަތުމުން ތަފާތު މަންޒަރެއް ފެނިގެންދިޔައެވެ. ރައީސަށް މަރުހަބާ ދަންނަވަން ސަފުގައި ސަލާމް ކުރައްވަން, ޝަމްއޫން ޖަލީލް (ލޫކަސް) ހުންނެވީ އަނގައިގައި ޓޭޕް އަޅައިގެންނެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި, ލޫކަސް ފަހުން އެ މަގާމުން އިސްތިއުފާ ދެއްވިއިރު މި ސަރުކާރުގެ ކުރީކޮޅު އޭނާ ރައީސް މުއިއްޒު ވެރިކަމަށް ތާއީދު ވެސް ކުރެއްވެވިއެވެ.

ނަމަވެސް ސަރުކާރުގެ އަމަލުތައް ރަނގަޅު ނޫން ކަމަށް ވިދާޅުވެ ފަހުން އޭނާ ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފަށައިފައެވެ. އެގޮތުން މީޑިއާގެ އެއްވެސް ތަޖުރިބާއެއް ނެތް, ސަރުކާރާ ވަރަށް ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު, މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ރައީސަށާއި ސަރުކާރަށް ލިބޭގޮތަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ލޫކަސް ގެންދަވަނީ ފުރަތަމަ ދުވަހުން ފެށިގެން ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ރައީސް މިއަދު ކުމުންދުއަށް ވަޑައިގެންނެވިއިރު ލޫކަސް ހުންނެވީ ސަލާމް ކުރެއްވުމަށް ސަފުގައެވެ. އޭނާ ސަފުގައި ހުންނެވީ އަނގަމަތީ ޓޭޕް އަޅުއްވައި, ޕޯސްޓަރެއް ހިއްޕަވައިގެންނެވެ. އެ ޕޯސްޓަރުގައި ވަނީ "މީޑިއާ ކޮންޓްރޯލް ބިލް ބޭރުކުރޭ", މިހެން ލިޔުއްވާފައެވެ.

ރައީސް އޭނާއާ ސަލާމް ކުރެއްވެވިއެވެ. އެކަމަކު އެއްޗެއް ވިދާޅުނުވެ, ދެން ތިބި މީހުންނާ ސަލާމު ކުރައްވަމުން ގެންދެވީއެވެ.

އޭނާ "ސަން"އަށް ވިދާޅުވީ, މަޖިލީހުގެ ޗުއްޓީގެ ތެރޭގައި ކުއްލި ޖަލްސާއެއް ބާއްވައި އެ ބިލާމެދު ބަހުސް ކުރަމުން ގެންދަނިކޮށް, ނޫސްވެރިން މަޖިލިސް ދޮށުގައި ކުރާ އިހުތިޖާޖުގައި އޭނާ ކުމުންދޫން ބައިވެރިވީ ކަމަށެވެ.

މާލޭގައި ދިރިއުޅުއްވާ ލޫކަސް މި ވަގުތު ކުމުންދޫގައި ހުންނެވީ, އެ ރަށުގެ އާސާރީ މިސްކިތެއް ހުޅުވުމުގެ ރަސްމިއްޔާތަށް ކައުންސިލުން ދިން ދައުވަތަކަށެވެ.

ސޯޝަލް މީޑިއާގައި ވަރަށް ނުފޫޒުގަދަ ލޫކަސް ގެންދަވަނީ މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަން ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ގޮވާލައްވަމުންނެވެ.

ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން

  • ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާނެ
  • ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރާނީ މީޑިއާތަކުން
  • ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސް
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ

ސަރުކާރާއި ރައީސަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ދޭ ބިލަށް ތާއީދުކޮށް, ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުން ދައްކަވާ ވާހަކައިގައި ނޫސްތަކުން ފަތުރަނީ ދޮގު ކަމަށާއި މީހުންގެ އަބުރު ކަތިލަނީ ކަމަށް ދަނީ ވިދާޅުވަމުންނެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުގައި ދޮގު ހުއްޓުވުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަނީ ކުރާ ވައްކަންތަކުގެ ވާހަކަ ދެއްކިޔަ ނުދިނުމަށެވެ.