ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން އޭޓީއެމްތައް ހުޅުއްވައިދެއްވާއިރު، އެ ރަށްރަށުގައި ތިބި އާންމު މީހުންގެ އަތުގައި އޭޓީއެމުން ނަގާނެ ލާރިއެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރުމުގެ މަޝްރޫއެއް ފަށާފައެވެ. އެ މަޝްރޫއުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގާއިމުކުރާ އޭޓީއެމްތައް ހުޅުއްވައިދެއްވަނީ ރައީސް މުއިއްޒެވެ.

އެ ކަމަށް ފާޑުވިދާޅުވެ މިއަދު މަޖިލީހުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، ރާއްޖެތެރޭގެ ރަށްތަކުގެ ހާލަތު އޮތީ ލޮލުން ކަރުނަ އޮހޮރާލާފައި ދަންނަވަންޖެހޭ ފަދަ ނިކަމެތި ހާލަތެއްގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުން ނިކަމެތިވެ، އެ މީހުން އަތުގައި މިއަދު ލާރިއެއް ނެތް ކަމަށެވެ.

"އިއްޒަތްތެރި ރައީސް ރާއްޖެތެރޭގެ ހާލަތު. ލޮލުން ކަރުނަ އޮހޮރާލާފައި ދަންނަވާލާހެން އޮތީ. ރައްޔިތުން އަތުގައި ލާރިއެއް ނެތް. އޭޓީއެމުން ނަގާނެ ލާރިއެއް ނެތް މީހަކު އަތުގައެއް އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވިއެވެ.

އެކަމަކު، އެ ހިސާބުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އައްބާސްގެ ވާހަކަ ހުއްޓުވާފައެވެ. އެ މަނިކުފާނު ވަނީ ކުރިމަތީގައި އޮތް ރިޕޯޓަށް ބަހުސްކުރައްވަން އެދިވަޑައިގެންފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރިޕޯޓަށް ވާހަކަދައްކަވަން ލިބޭ ފަސް މިނެޓަކީ މެންބަރުންގެ ހިތްޕުޅުގައި ހުރި ހުރިހާ ވާހަކައެއް ދައްކަވަން އޮތް ފުރުސަތެއް ނޫން ކަމަށެވެ. އެ ފަދައިން ކަންކުރައްވާނަމަ ރިޕޯޓަށް އެކަނި ވާހަކަދެއްކެވޭ ގޮތަށް ހަރުކަށިކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިހާރު ބައެއް ފަހަރު ކުޑަކޮށް ދޫޖައްސާލައިގެން ތިބޭފުޅުންނަށް ފުރުސަތު އަރުވަމުން މި ގެންދަނީ. އެކަމަކު، އެ ކަމުގެ ނާޖާއިޒު ފައިދާ ނަންގަވަން ދެން އިތުރަށް ފުރުސަތު ނުދެއްވާނެ ވާހަކަ ދަންނަވަން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

އެއަށް ފަހު، މެންބަރު އައްބާސް ވަނީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ރިޕޯޓަށް އެއްވެސް ވަރަކަށް އަލިއަޅުއްވައިނުލައްވާ 'ހިތުހުރި އެއްޗެއް' ވިދާޅުވިއިރު މަޖިލީހުގެ ރިޔާސަތުން އަޅައިނުލައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ހިސާބުން އަބްދުއްރަޙީމް ވަނީ އަނެއްކާ ވެސް އައްބާސް ހުއްޓުވާފައެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އަބްދުއްރަހީމް ވަނީ ބޭނުންފުޅު ވާހަކައެއް ނުދެއްކެވޭނެ ކަމަށް ވިދާޅުވެފައި --- ފޮޓޯ/ މަޖިލިސް

"[އައްބާސް] ދެއްކެވި ވާހަކަ ނުހުއްޓުވަން އަޅުގަނޑު މިހާ ހިސާބަށް އައިއިރު. ހަމަ ބޭނުންފުޅު ވާހަކައެއް ދައްކަވަމުން ގެންދެވީ،" އަބްދުއްރަޙީމް ތަފުސީލުކޮށްދެއްވިއެވެ.

އެ މަނިކުފާނު ވަނީ ބޭނުންފުޅު ކޮންމެ ވާހަކައެއް ދައްކަވަން ފުރުސަތު ނުދެއްވާނެ ކަމަށް ތަކުރާރުކުރައްވާފައެވެ.

އެކަމަކު، އެއަަށް ފަހު ވާހަކަދައްކަވަމުން ވެސް އައްބާސް ވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެއް އަހަރު ދުވަސްވަންދެން ސިވިލް ސާވިސް މުވައްޒަފުން ނުނެގޭ ގޮތަށް ކައުންސިލްތައް 'ޕެރަލައިޒް' ކޮށްލާފައި ބާއްވައިގެން ނުވާނެ ކަމަށެވެ.

"އެއް އަހަރު ދުވަސްވަންދެން ރަށްރަށުގެ ކައުންސިލްތަކަށް ބޭނުންވާ ސިވިލް ސާވިސް މުވައްޒަފުން ނުނެގޭނެ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާށޭ އިއްޒަތްތެރި ރައީސް،" އޭނާ ވިދާޅުވިއެވެ.

އޭރު މަޖިލީހުގައި ބަހުސްކުރައްވަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަނަށް އައްޔަންކުރައްވަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކާ މެދު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށެވެ. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ރިޕޯޓަކަށް ނުވަތަ ބިލަކަށް ބަހުސްކުރާއިރު މެންބަރުންނަށް ވާހަކަދެއްކެވޭނީ އެ ކަމަކާ ގުޅޭ ގޮތުންނެވެ. އެކަމަކު، ގިނަ މެންބަރުން ބިލުތަކާއި ރިޕޯޓުތަކުގެ ބަހުސްގެ ތެރެއިން ކަމާ ނުގުޅޭ ވާހަކަ ވެސް ދައްކަވައެވެ. އަދި، ބައެއް ފަހަރު ރިޔާސަތުން އެކަން ހުއްޓުވަން ވެސް ހުއްޓުވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން އޭޓީއެމް ހުޅުއްވައިދެއްވާތީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އިދިކޮޅު ފަރާތްތަކުން ފާޑުވިދާޅުވަނީ އެފަދަ ކުޑަ މަޝްރޫއެއް ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވާތީއެވެ.

އެކަމަށް ރައީސް ވަނީ ރައްދު ވެސް ދެއްވާފައެވެ. އެ ގޮތުން، އެ މަނިކުފާނު ވަނީ އޭޓީއެމް ހެދުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި އެ ކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް ފަސޭހަވާ ކަމަށް ވިދާޅުވެފައެވެ.