27 Aug 2025, 11:49
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވަނީ އެކަމާ ބެހޭ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައި ވަނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ދޭނެ ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ވަނީ މި އަހަރު މީޑިއާތަކަށް ދޭން ހަމަޖެހިފައިވަނީ 27.9 މިލިއަން ރުފިޔާ ކަމާއި އެ ފައިސާ ދޭނީ ގަނޑުކޮށް ކަމަށް ބުނެފައެވެ.
އެ އުސޫލާ ގުޅުވައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާ ކަމަށެވެ.
އެ އިއުލާނުގައި ވާގޮތުން އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ 14:00ގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.
މިނިސްޓްރީން ބުނީ، މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވްގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ވަނީ، ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ބޭނުމަކީ، މީޑިއާތަަކަކީ ބާރުވެރި، މާލީ މިނިވަންކަން ލިބި، ނުފޫޒުން އެއްކިވާބެފައިވާ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށް ބުނެފައެވެ.
މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތްވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަ ކުރައްވައެވެ.
މީޑިއާތަކަށް ފައިސާ ދިނުމަށް ޕޮއިންޓްދޭ އުސޫލެއް ކަނޑައަޅައިފައިވާއިރު އެ އުސޫލުން ބަލާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި މިންތީގެ ހަމަހަމަކަމާއި ތަޖުރިބާ ހިމެނެއެވެ.
ސަރުކާރުން މީޑިއާތަކަށް ފައިސާ ދޫކުރަން ތައްޔާރުވަމުން އަންނައިރު، ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވަނީ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު'ގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފައެވެ. އެ ބިލަކީ ރައީސަށާއި ސަރުކާރަށް މީޑިއާތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވޭ ގޮތަށް އޮތް ބިލެއް ކަމަށް އިދިކޮޅުންނާއި މީޑިއާ ޖަމިއްޔާތަކުން ބުނާއިރު, މަޖިލީހުގައި ސުޕަމެޖޯރިޓީ އޮތް ސަރުކާރުގެ މެންބަރުން ވަނީ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ.