09 Aug 2012, 16:30
ދައުލަތުގެ އެކި ވަޒީފާގައި ތިބި ބިދޭސީންގެ ތެރެއިން ރިޓަޔާމަންޓް ޕެންޝަން ސްކީމް ފަންޑަށް ފައިސާ ޖަމާކުރި 77 ބިދޭސީއަކަށް 985000ރ. އަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ޕެންޝަން އޮފީހުގެ ސީއީއޯ މުހަންމަދު ހުސައިން މަނިކު (މަނިކު) ވިދާޅުވީ ރިޓަޔާމަންޓް ޕެންޝަން ސްކީމަށް ފައިސާ ޖަމާކުރި ބިދޭސީންގެ ތެރެއިން ފައިސާ ދޫކޮށްފައި ވަނީ އެމީހުން އަދާކުރަމުންދިޔަ ވަޒީފާ އެއްކޮން ދޫކޮށްލި ބިދޭސީންނަށްް، ޖަމާކުރި ފައިސާ އެއްކޮށް ކަމަށެވެ.
ބިދޭސީންނަށް ވެސް ޕެންޝަން ފައިސާގެ ގޮތުގައި ޖަމާކުރާ ފައިސާ ދޫކުރެވޭނީ 65 އަހަރު ވުމުންނެވެ. ނަމަވެސް އެއްކޮށް ވަޒީފާ ދޫކޮށްލާފައި ގައުމަށް ދާނަމަ ވަޒީފާގައި އުޅުނުއިރު ޕެންޝަން ފަންޑަށް ޖަމާކޮށްފައިވާ ފައިސާ އެއްކޮން ދެވެއެވެ.
"އުސޫލަކަށް ބަލައިގެން މި އުޅެނީ އެމީހުން ވަޒީފާއިގެ ކޮންޓްރިބިއުޝަންގެ ގޮތުގައި ޖަމާކޮށްފައިވާ ހުރި ފައިސާތެރެއިން އެމީހަކު ޖަމާކޮށްފައިހުރި ފައިސާ އެމީހަކަށް ގެންދިނުން. އެއީ އަޅުގަނޑުމެންގެ ގަވާއިދުގައި އޮންނަ ގޮތް،" މަނިކު ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ ވަޒީފާ ދޫކޮށްލުމުން އެމީހަކު ވަޒީފާގައި އުޅެމުން ޖަމާކުރި ފައިސާ އެއްކޮން ދެވޭނީ އެއް ފަހަރު ކަމަށާއި އަނބުރާ ރާއްޖެ އައިސް އެހެން ވަޒީފާއެއްގައި ހޯދި ނަމަވެސް ދެން އެމީހަކު ޖަމާކުރާ ފައިސާ ދޭނީ 65 އަހަރު ވުމުން ކަމަށެވެ.
"އުމުރުން އެއްފަހަރު އެކަން އެ މީހަކަށް ވެސް ވާނީ. އެއީ އެނާ ޑިކްލިއާ ކުރަން އެބަޖެހޭ ތިމަންނަ މުޅިން ރާއްޖެ ދޫކޮށްދަނީއޭ. އެހެންވެ އޭ މި ފައިސާ މި ނަގަނީ. އޭނަ އަނބުރާ އައިސް އަނެއްކާ ވަޒީފާއަށް ވަދެގެން ޖަމާ ކުރާއެއްޗެއް ދެން އޭނައަށް ނެގޭނީ 65 އަހަރުވުން،"މަނިކު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޕެންޝަން ފަންޑަށް ޖަމާކޮށްފައި ހުރި ފައިސާ އެއްކޮން ދޭން ފެށީ މިދިޔަ އެޕްރީލު 15 ވަނަ ދުވަހުގެ ފަހުން ފަހުން ވަޒީފާ ދޫކޮށްލިކަން ޕެންޝަން އޮފީހަށް އަންގާ ބިދޭސީންނަށެވެ.