27 Aug 2025, 10:15
މީޑިއާ ކޮންޓްރޯލްކުރުމަށް ސަރުކާރަށް މަގުފަހިވާގޮތަށް, ސަރުކާރާ ގުޅުން ބޮޑު, ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު ދައުރުން ބޭރުން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލުކޮށްފައި ވަނިކޮށް, މަޖިލިސް ދޮށުގައި ނޫސްވެރިން އިހުތިޖާޖު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ޖަލްސާއަށް ވަޑައިގެންނެވިއިރު ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ, މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅަށް ލިޔެފައިވާ ބޯޑްތައް ހިފައިގެން މަޖިލިސް ދޮށުގައި އަޑު އުފުލައިފައެވެ.
އާދޭހާއެކު ނޫސްވެރިން ގޮވާލަމުން ގެންދިޔައީ, ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމަށްވާ, މިނިވަން މީޑިއާ, ސީދާ ސަރުކާރުން ކޮންޓްރޯލްކުރެވޭ ގޮތަށް ގާނޫނު ނުހެދުމަށެވެ. އެއީ, ގާނޫނުއަސާސީއިން ދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސްއެޅުން ކަމަށް ނޫސްވެރިން ދިޔައީ ބުނަމުންނެވެ.

މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ: ނޫސްވެރިން ގޮވާލީ މީޑިއާގެ ކޮންޓްރޯލް ރައީސަށް ނުދިނުމަށް-- ފޮޓޯ/ އަލީ ނިޝާން (މިލްޒީރޯ)
މަޖިލިސްގެ ޖަލްސާ ފެށުމާއެކު ހިމޭންކަމުގެ އިހުތިޖާޖެއް ކުރުމަށް ނޫސްވެރިން ވަނީ މަޖިލީހުގެ ގެލެރީއަށް ވަދެފައެވެ. އެ ބިލަށް ފުރަތަމަ ބަހުސް ކުރި ދުވަހު ވެސް ނޫސްވެރިން ވަނީ މަޖިލީހުގެ ގެލެރީގައި އިހުތިޖާޖެއް ކޮށްފައެވެ.
ނޫސްވެރިންގެ އިތުރުން އިދިކޮޅު އެމްޑީޕީން ވެސް ދަނީ މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަމުންނެވެ.
މީޑިއާގެ އެއްވެސް ތަޖުރިބާއެއް ނެތް, މެދުފަންތީގެ ވިޔަފާރިތައް ކުރައްވާ, ހަންނާން މީގެ ކުރިން ވެސް މީޑިއާތައް ރެގިއުލޭޓް ކުރުމާ ގުޅޭ ބިލެއް ހުށަހެޅުއްވި ނަމަވެސް އެ ބިލު ބޭރުކޮށްލީއެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަނީ ވެރިކަން ކުރާ ޕީއެންސީއަށް ކަމަށްވާއިރު އެ ޕާޓީގެ މެންބަރުން ވަނީ ބިލަށް ތާއިދުކޮށް ވާހަކަދައްކަވައިފައެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވެސް ވަނީ މި ފަހަރު ހުށަހެޅި ބިލާއެކު މީޑިއާގެ މިނިވަންކަން ކަށަވަރު ކުރެވި، މިޑިއާތައް ބާރުވެރިކުރުމަށް މަގުފަހިކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ފާޑުކިޔުން ބޮޑުވުމުން ރައީސް ވަނީ އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށް ޕީއެންސީގެ މެންބަރުންނަށް އަންގަވައިފައިވާ ކަމަށް ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ހަންނާން ހުށަހެޅުއްވި މީޑިއާ ބިލު ފާސްވެއްޖެނަމަ، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.
މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އަދި، އެ ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކޮށް, ކޮމިޝަންގެ ރައީސް ކަނޑައެޅުމުގެ ބާރު ދީފައިވަނީ ވެސް ރައީސްޖުމްހޫރިއްޔާއަށެވެ.
އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައިވެއެވެ.
އެ ބިލު ހުށަހެޅީ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅި އަމިއްލަ މެންބަރެއް ކަމަށްވީ ނަމަވެސް، ބިލުގެ ފަހަތުގައި ތިބީ ސަރުކާރު ކަމަށް އިދިކޮޅާއި މީޑިއާ ޖަމިއްޔާތަކުން ވެސް ބުނެއެވެ. އެ ތުހުމަތުކޮށްފައިވަނިކޮށް، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގަތް ކަމަށް ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވަރަށް ފަހުން ވަނީ, މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތް ކަމަށާއި އާ ބިލުން ރައީސަށް ދީފައިވާ ބާރުތައް އުނިކުރަން ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.