27 Aug 2025, 09:02
ބޮލީވުޑްގެ ބަތަލާ ސޮނާކްޝީ ސިންހާގެ ފުރަތަމަ ތެލުގޫ ފިލްމު "ޖަތަރާދާ"ގެ ހާއްސަ ރޯލަކަށް ބަތަލާ ދިވްޔާ ކޯސްލާ ސޮއިކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.
ވެންކަތު ކަލްޔަންގެ އަމިއްލަ ސްކްރިޕްޓަކަށް ލިޔެ ތައްޔާރުކޮށް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓުންގެތެރޭ ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރުގެ އިތުރުން ސުދީރު ބާބޫ ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހިންދީ ބަހުން ވެސް ޑަބްކޮށްގެން ރިލީޒްކުރުމަށް ނިންމާފައިވާ މި ފިލްމަކީ ހުވަފެނީ ބިރުވެރި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
ފިލްމު "ޖަތަރާދާ"ގެ ރޯލަކަށް ދިވްޔާ ސޮއިކުރިކަން އިއުލާނުކޮށްފައި ވަނީ ބަތަލާ ފިލްމުގައި ކުޅޭ ކެރެކްޓާ 'ސިތާރާ'ގެ ފޮޓޯއަކާ ވެސް އެކުގައެވެ. އެކްޓް ކުރުމުގެ އިތުރުން ފިލްމު ޕްރޮޑިއުސްކުރުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ދިވްޔާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ފިލްމު "ސަވީ"ގައެވެ.

ދިވްޔާ އާއި ނީލް ލީޑް ރޯލް ކުޅޭ ފިލްމު "އޭކް ޗަތުރު ނާރު"ގެ މަންޒަރެއް--ފޮޓޯ/ފިލްމުފެއަ
ދިވްޔާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ އެކްޓަރު ނީލް ނިތިން މުކޭޝްއާ އެކު ލީޑް ރޯލް ކުޅޭ ފިލްމު "އޭކް ޗަތުރު ނާރު"އިންނެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ މި ފެށޭ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ސިނަމާތަކަށް ގެންނާނެ ތާރީޚެއް އަދި އިއުލާނުކޮށްފައިނުވާ ފިލްމު "ޖަތަރާދާ"ގެ ލީޑް އެކްޓަރަކީ ފިލްމު "ބާޣީ" ފްރެންޗައިސްގެ ފުރަތަމަ ފިލްމުން ވިލެންގެ ރޯލްއިން ފެނުނު ސައުތު އެކްޓަރު ސުދީރު ބާބޫއެވެ. އަބީޝެކް ޖައިސްވާލާއި ވެންކަޓް ކަލިއަން ޑައިރެކްޓްކޮށްފައިވާ "ޖަތަރާތާ" އިން ބޮލީވުޑްގެ ކުރީގެ ބަތަލާ ޝިލްޕާ ޝިރޯދްކަރް ވެސް ފެންނާނެއެވެ.
މި އަހަރުގެ ކުރީކޮޅު ނިންމައިލި ކަލާސް ޓީވީގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 18 ގައި ވެސް އޭނަ ވާދަކޮށްފައިވެއެވެ. ބަތަލާ ސޮނާކްޝީ ކެރިއަރުގެ ފުރަތަމަ ތެލުގޫ ފިލްމު ރިލީޒްކުރުމުގެ ތައްޔާރީތައް ވަމުން އަންނައިރު އެންމެފަހުން ބަތަލާގެ ރިލީޒްވި ފިލްމު "ނިކިތާ ރޯއި"އަކީ ވެސް ބިރުވެރި ފިލްމެކެވެ.