27 Aug 2025, 09:24
އިންޑިއާގެ އުއްތަރަހަންދަށް ދާދިފަހުން އެރި ފެނުގެ ތޫފާނުގައި ސަލާމަތްވި ރައްޔިތުން ތަކަކަށް އިންޑިއާގެ އެކްޓަރު ފަރްހާން އަޚްތަރު އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އުއްތަރަހަންދުގެ ރައްޔިތުންނަށް ފަރުހާން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާ ބާރަތު ޑިސާސްޓަރު ރިލީފް ފައުންޑޭޝަން (ބީޑީއާރުއެފް)އާ ގުޅިގެންނެވެ.
ފަރުހާން ވަނީ އެހީގެ ދަށުން ހާލުގައި ޖެހުނު ރައްޔިތުންނަށް މަލްޓިމީޑިއާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މޮބައިލް ފޯނުތަކެއް ބަހާފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ މީގެކުރިންވެސް ފަރުހާން ވަނީ އިންޑިއާގެ އެކި ސްޓޭޓްތައް އަދި އަވަށްތަކުގައި ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރާ ފަރުހާންގެ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/ދަހިންދޫ
ބީޑީއާރްއެފް ޖަމްއިއްޔާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އުޕަދުޔާ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ފަރްހާން އަކީ މީގެކުރިންވެސް އެޖަމްއިއްޔާއާ ގުޅިގެން ހާލުގައި ޖެހިފައިވާ އިންޑިއާގެ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އުއްތަރަހަންދުގެ ރައްޔިތުންނަށް ދެވުނު ފޯނުތަކުގެ ޒަރީއާއިން އާއިލާ އާއި ގާތް މީހުންނާ މުވާސަލާތީ ގުޅުން ކެނޑިފައި ތިބި ގިނަ ބަޔަކަށް އަލުން އެ ފުރުސަތު ލިބުނު ކަމަށް ބީޑީއާރުއެފްއިން ވަނީ ބުނެފައެވެ.
ހަމައެއާއެކު ހާލުގައި ފެނުގެ ތޫފާނުގައި ހާލުގައި ޖެހުނު ގިނަ ބަޔަކަށް ކެއިން ބުއިމާއި ނިދުމަށް ބޭނުންކުރާނެ ތަކެތި އެހީގެ ދަށުން ފޯރުކޮށްދެވުނު ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.
އިންޑިއާގައި ދިމާވާ ގުދުރަތީ އެކި ކާރިސާތަކުގައި ހާލުގައި ޖެހޭ ރައްޔިތުންނަށް އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ގިނަ ބަޔަކު އަބަދުވެސް އެހީތެރިވަމުން އަންނައިރު ބައެއް ފިލްމީ ތަރިން އެހީތެރިވަނީ އެކަން ނާންގައެވެ.
އެގޮތުން ބޮލީވުޑްގެ އެފަދަ ތަރިންގެތެރޭ ސޯނޫ ސޫދު، ޝާހްރުކް ޚާން، ސަލްމާން ޚާން އަދި ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް އަދި އަކްޝޭ ކުމާރު ހިމެނެއެވެ.