ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ "ފީފާ"އިން އިއްޔެ އިއުލާންކުރި "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުން ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ދެކުނުއޭޝިޔާ ސަރަހައްދުގެ އެއް ވަނަ ދިވެހިރާއްޖެ ހޯދައިފި އެވެ.

އިއްޔެ ފީފާއިން އިއުލާން ކުރި ރޭންކިން ލިސްޓަށް ބަލާއިރު، މިސަރަހައްދުގެ އެއް ވަނަ ދިވެހި ރާއްޖެއަށް ލިބުނުއިރު، ދުނިޔޭގެ ރޭންކިންގައި ރާއްޖެ އޮތީ 162 ވަނަ އިގައެވެ.

ސަރަހައްދުން ދެވަނަ ލިބިފައިވަނީ ދެކުނު އޭޝިޔާ ސަރަހައްދުން ބޮޑު ކުރިއެރުމެއް މީގެ ކުރިން ހޯދަމުން އަންނަ ނޭޕާލަށެވެ. އެގޮތުން ހަތް ދަރަޖައިގެ ވެއްޓުމެއް ނޭޕާލަށް މިފަހަރު ލިބުނުއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 163 ވަނައިގައެވެ. އަދި ސަރަހައްދުގެ ތިން ވަނައިގައި ދެ ދަރަޖައިގެ ވެއްޓުމަކާއުކި އަފްގާނިސްތާން އޮތްއިރު، ސަރަހައްދުގެ ހަތަރު ވަނައިގައި އޮތީ މިމަހު ނެހުރޫ ކަޕް ބާއްވާ ސަރަހައްދުގެ ފުޓްބޯޅައިގެ ރަސްގެފާން އިންޑިޔާއެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގައި އިންޑިޔާ އޮތީ 168 ވަނައިގައެވެ. ސަރަހައްދުގެ ފަސް ވަނައިގައި 18 ދަރަޖައިގެ ވެއްޓުމަކާއެކު ބަނގްލަދޭޝް އޮތްއިރު، ދުނިޔޭގެ ރޭންކިންގައި އެޤައުމު އޮތީ 169 ވަނައިގައެވެ.

ދެ ދަރަޖާގެ ކުރިއެރުމަކާއެކު ސަރަހައްދުގެ ހަ ވަނައަށް ޕާކިސްތާން ކުރިއަށް ޖެހިލިއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 176 ވަނައިގައެވެ. އަދި ރާއްޖެއާއި އަވައްޓެރި ސްރީލަންކާއަށް ވެސް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބުނު އިރު، މި ސަރަހައްދުން އެގައުމަށް ލިބިފައި ވަނީ ލިބިފައިވަނީ ހަތް ވަނައެވެ.

މިފަހަރުވެސް ދެކުނު އޭޝިޔާ ސަރަހައްދުން އެންމެ ފުލުގައި އޮތީ ބޫޓާނެވެ. އެޤައުމަށް ލިބިފައިވަނީ 206 ވަނައެވެ.

ފީފާރޭންގައި މިމަހުވެސް ދުނިޔޭގެ އެއްވަނަ ހޯދީ ސްޕެއިންނެވެ. އަދި ދެ ވަނަ ޖަރުމަނަށް ލިބުނުއިރު، ތިން ވަނަ ލިބުނީ އެއްދަރަޖައިގެ ކުރިއެރުމެއް ހޯދި އިނގިރޭސި ވިލާތަށެވެ.