28 Aug 2010, 17:48
22:50
ހިއުމަން ރައިޓްސް ކޮމިޝަން (އެޗުއާރުސީއެމް) ގައި ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ފަސް ބޭފުޅުންގެ ވެސް ޝަރުތު ހަމަވާ ކަމަށް ކޮމެޓީން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މުގައްރިރު ކަމުގައި ގާއިމުކޮށްފައިވާ ހަތް މެންބަންގެ ވަގުތީ ކޮމެޓީން މިދިޔަ ބުދަ ދުވަހު ނިންމާފައި ވަނީ، އެ ކޮމިޝަނަށް މިހާތަނަށް މަދުވާ ދެ ނަންފުޅުގެ ތެރޭގައި ހިމެނުމަށް ރައީސް ފޮނުއްވި ފަސް ބޭފުޅުންނާ ވަކިވަކިން ސުވާލު ކުރެއްވުމަށް ފަހު، ކޭޕަބިލިޓީ، ތަޖުރިބާ، ލީޑަޝިޕް އާއި ވިޝަން، އިންޓެގްރިޓީ، އަދި ތައުލީމީ ފެންވަރަށް ބެލުމަށް ފަހު، 75 ޕަސެންޓް މާކްސް، ކޮމެޓީ ސުޓޭޖުގައި ހުރިހާ ބޭފުޅުން ނަށް ވެސް ލިބިވަޑައިގަންނަވާ ކަމަށެވެ.
ފަސް ސޮފުހާގެ ރިޕޯޓްގައިވާ ގޮތުން، އެންމެ މަތީން މާކްސް ހޯއްދެވި، މާލޭ މުނިސިޕަލްޓީގެ ދަފުތަރު، އަހުމަދު އަބްދުލްކަރީމަށް ލިބިވަޑައިގެންފައި ވަނީ، 89.5 ޕަސެންޓް، ހ. މެރިންވިއު ޑރ. އަލީ ޝަމީމަށް، 85.3 ޕަސެންޓް، ހ. ސީސައިޑް ޑރ. އާއިޝަތު އަލީ ނާޒަށް، 83.7 ޕަސެންޓް، ފުވައްމުލަކު، ހޯދަޑު، މައުނާ، އިބްރާހީމް ހުޒާމަށް، 83.5 ޕަސެންޓް، އަދި އެންމެ ދަށުން މާކްސް ހޯއްދެވި، މ. ލައިޓްވިއު މަޒީނާ ޖަމީލަށް 81.8 ޕަސެންޓެވެ.
ކޮމެޓީގެ ރިޕޯޓްގައިވާ ގޮތުން ރައީސް ފޮނުއްވި ފަސް ބޭފުޅުން ވެސް ޝަރުތު ހަމަވާތީ ކޮމެޓީން ނިންމާފައި ވަނީ މަޖިލީހުގެ ތަޅުމުން ދެ ނަމެއް ފާސްކުރާ ގޮތަށެވެ.
"ހުރިހާ ބޭފުޅުންނަށް ވެސް ކޮމެޓީން ކަނޑައަޅުއްވާފައިވާ 75 ޕަސެންޓް އެވްރެޖް މާކްސް އަށް ވުރެ މަތީން ލިބިވަޑައިގެންފައިވާތީ މި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ދެ ނަމެއް ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމަށް ހަމަޖެއްސެވުމަށް ފާސްކޮށްދެއްވުމަށެވެ." ކޮމެޓީގެ ރިޕޯޓްގައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް މަދުވާ ދެ މެންބަރުން ހަމަޖެއްސުމަށް، ރައީސް ފުރަތަމަ ފޮނުއްވީ ހަ ބޭފުޅެއްގެ ނަމެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާލޭ މުނިސިޕަލްޓީގެ ދަފުތަރު، އަލީ އަޝްރަފު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވާފަ އެވެ.