މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ފުލުހުން އުސް ފަސްގަނޑަށް އެރުމަށްފަހު އެރޭ 10:00 ގެ ކުރިން އުސް ފަސްގަނޑުގައިވާ އެމްޑީޕީގެ ތަކެތި އެޕާޓީން ނުގެންގޮސްފިނަމަ އެތަން ރޫޅާލައި ކަމާބެހޭ ފަރާތާއި ހަވާލު ކުރާނެ ކަމަށް ބުނެ ފުލުހުން އެމްޑީޕީއަށް ފޮނުވި ސިޓީ ސިވިލް ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ސިވިލް ކޯޓުން މިއަދުކުރި ހުކުމްގައި ބުނަނީ އުސް ފަސްގަނޑަކީ މާލޭ ސިޓީ ކައުންސިލުން އެމްޑީޕީއާއި ހަވާލު ކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އެސަރަހައްދު ސިޓީ ކައިންސިލްގެ ބެލުމުގެ ދަށުން ވަކިކޮށް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދަން ނިންމާފައިވާ ކަމަށް ދައުލަތުން ބުނި ނަމަވެސް އެ ނިންމުމާ މެދު ސިޓީ ކައުންސިލުން ސުވާލުއުފައްދާފައިވާ ކަމަށެވެ.

އެ ހުކުމްގައި ބުނަނީ އުސް ފަސްގަޑުގެ ބެލެނިވެރިކަމާ މެދު ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީއާ ދެމެދު ދެބަސްވުމެއް އުފެދިފައިވާކަން އެނގޭއިރު އެކަމާ ގުޅޭ މައްސަލައެއްގައި ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލްގެ މައްޗަށް އެ ކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ. އަދި އުސް ފަސްގަނޑުގެ ބެލެނިވެރިކަމާ މެދު އުފެދިފައިވާ ދެބަސްވުމަށް ނިމުމެއް އަންނާނީ ހައުސިން މިނިސްޓްރީން ދައުވާ ކުރާ އެ މައްސަލައިގައި ޝަރީއަތުން ހުކުމް ކުރުމުން ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ސިޓީ ކައުންސިލުން އެތަން އެމްޑީޕީއާއި ހަވާލުކޮށްފައި ވިޔަސް އެތަނުގެ ބެލެނިވެރިކަމާ މެދު ހައުސިން މިނިސްޓްރީއާއި ސިޓީ ކައުންސިލާއި ދެމެދު ދެބަސްވުމެއް އުފެދިފައި އޮތުމަކީ އެތަން ބޭނުން ކުރުމަށް އެމްޑީޕީއަށް ލިބިފައިވާ ހައްގަށް އުނިކަން އަންނާނެ ކަމެއް ނޫން ކަމަށެވެ.

އެމްޑީޕީން އުސްފަސްގަނޑު ބޭނުންކުރަނީ ގާނޫނާއި ގަވާއިދާއި ޚިލާފަށް ކަމަށާއި އެތާގައި ޖިނާއީ ކުށްތަކެއް ހިންގާ ކަމަށް ފުލުހުން ކުރާ ތުހުމަތުތަކަށް އެމްޑީޕީން އިންކާރުކޮށްފައިވާ ކަމަށާއި އެ ތުހުމަތުތައް ތަހުގީގު ކުރުމަށްޓަކައި ފުލުހުން އެތަން ބަލައި ފާސްކުރުމަށްފަހު ބައެއް ތަކެތި ގެންގޮސްފައިވާއިރު އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަކީ ފުލުހުންގެ ޒިންމާއެއްކަމަށް ވެސް ހުކުމްގައި ވެއެވެ. ނަމަވެސް އެފަދަ ތަހުގީގެއް ކުރުމަކީ އުސް ފަސްގަނޑު ބޭނުން ކުރުމަށް އެމްޑީޕީއަށް ލިބިފައިވާ ހައްގަށް އުނިކަން އަންނާނެ ކަމެއް ނޫންކަމަށް ވެސް ވެއެވެ.

އެހެންކަމުން މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 10:00 ގެ ކުރިން އުސްފަސްގަނޑުގައިވާ އެމްޑީޕީގެ ތަކެތި ނުގެންގޮސްފިނަމަ އެތަން ރޫޅާލައި ކަމާބެހޭ ފަރާތާއި ހަވާލު ކުރާނެ ކަމަށް ބުނެ ފުލުހުން އެމްޑީޕީއަށް ފޮނުވި ސިޓީ އަކީ ބާތިލް ސިޓީއެއްކަމަށް ވަނީ ކަނޑައަޅާފަ އެވެ.