26 Aug 2025, 19:30
ޖަލުގައި ހުންނެވި ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުފުލި ލަންކާޕޫރާ ކޯޓުން ރަނިލް ކަފާލާތުގެ ދަށުން ދޫކޮށްލީ ޖުމްލަ 15 މިލިއަން ރުޕީސް ދައްކާގޮތަށެވެ.
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި އުމުރުން 76 އަހަރުގެ ރަނިލް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ހަމަ އެ ދުވަހު، އެ ގައުމުގެ ކޯޓަކުން ވަނީ އޭނާ ހަތަރު ދުވަހަށް ބަންދުގައި ބެހެއްޓުމަށް އިއްޔެގެ ނިޔަލަށް މުއްދަތު ޖަހައިފައެވެ.
އެހެންވެ ބަންދާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް އިއްޔެ އަޑުއެހުމެއް ތާވަލުކުރި ނަމަވެސް ރަނިލްގެ ސިއްހީ ހާލަތު ތަންނުދޭތީ އޭނާ ކޯޓަށް ހާޒިރެއްނުވެއެވެ. ނަމަވެސް ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލް (ސީއެންއެޗް)ގައި އޮންނަވައިގެން ޒޫމް މެދުވެރިކޮށް އަޑުއެހުމުގައި ބައިވެރިވިއެވެ.
ކޯޓުގެ ބޭރުގައި އިދިކޮޅު ސިޔާސީ ބޭފުޅުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ އެއްވެފައެވެ. ފުލުހުން ވަނީ އެއްވެ ތިބި މީހުން ކޮންޓްރޯލް ކުރުމަށްޓަކައި ބެރިކޭޑްތަކެއް ޖަހައި އެ ސަރަހައްދު ވަށާލައިފައެވެ.
ޖަލު ބަންދުގައި ހުންނަވަނިކޮށް ސިއްހީ ހާލަތު ގޯސްވެ، ހޮނިހިރު ދުވަހުން ފެށިގެން ރަނިލްއަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
ރަނިލް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނީ ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ހާލު ސީރިއަސް ވުމުންނެވެ. އިތުރަށް ހެދި ޓެސްޓުތަކުން ހިތުގެ ހިނގުން އަވަސްވެ، ކިޑްނީގެ މައްސަލަ ކުރިމަތިވެފައިވާކަން ވެސް ފާހަގަވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ސްރީ ލަންކާގެ ފުލުހުންގެ މައި ތަހުގީގީ އިދާރާ، ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) ތަހުގީގުކުރަމުންދާ މައްސަލައިގައި ރަނިލްގެ މައްޗަށް ތުހުމަތުކުރަނީ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު، 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށެވެ. އެ ގޮތުން 56،000 އެމެރިކާ ޑޮލަރު ބޭނުން ކުރެއްވި ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ލަންކާގެ ނޫސްތައް ބުނާގޮތުގައި 2023 ވަނަ އަހަރު ކިއުބާގެ ހަވާނާގައި ބޭއްވި ޖީ77 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ލަންކާއަށް ވަޑައިގަތުމުގެ ކުރިން ރަނިލް ލަންޑަނުގައި މަޑުކުރެއްވިއެވެ. މި މަޑުކުރެއްވުމުގައި ރަނިލްއާއި އަނބިކަނބަލުން ވަނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ތުހުމަތު ކުރެވުމުން ރަނިލް ކުރިން ވަނީ, އަނބިކަނބަލުން އަމިއްލަފުޅަށް އެ ދަތުރުފުޅުގެ ޚަރަދުތައް ދައްކާފައިވާ ކަމަށާއި، އެ ދަތުރުފުޅުގައި ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، ސީއައިޑީއިން ބުނެފައިވަނީ މި ދަތުރުފުޅުގައި ރަނިލް ދައުލަތުގެ ފައިސާ ބޭނުންކުރެއްވީ މައިގަނޑު ގޮތެއްގައި އަމިއްލަފުޅު ބޭނުމަށް ކަމަށާއި އޭގެ ތެރޭގައި ބޮޑީގާޑުންގެ ޚަރަދުތައް ކުރުމަށް ސަރުކާރުގެ ފައިސާ ބޭނުންކުރުން ހިމެނޭ ކަމަށެވެ.
ރަނިލް އެންމެ ފަހުން ލަންކާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ, 2022 ވަނަ އަހަރު, އޭރު އެ ގައުމުގެ ރައީސަކަށް ހުންނެވި ގޮތަބަޔަ ރާޖަޕަކްސަގެ ވެރިކަމުގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން މުޒާހަރާތައް ހޫނުވެ، އެ ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން, ގޮތަބަޔަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.