އެމްޑީޕީން ސީދާ ކުއްލި ހަރަކާތުގެ ނަމުގައި ސިލްސިލާކޮށް ކުރިޔަށް ގެންދިޔަ މުޒާހަރާތައް އެއް މަސް ފަހުން ހުއްޓާލައި ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަކަ ދައްކަން އެއްބަސްވާކަން އިޢުލާނު ކުރުމުން ސަރުކާރުން މަރުޙަބާ ކިޔައިފި އެވެ.

ރައީސް އޮފީހުން ބުނީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ސަރުކާރުގެ އިސް ވެރިންނަށާއި، ސިފައިންނާއި ފުލުހުންނަށާއި އެމީހުންގެ އާއިލާތަކަށް ގެއްލުން ދިނުމަށް ގޮވާލާ ގޮވުންތަކާއި ކުރަމުންދާ ފުރައްސާރަތަކަށް ނިމުމެއް އަންނަންޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

"ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޞުލްޙަވެރި ޕޮލިޓިކަލް ޕާޓީ ޓޯކްސް ކުރިއަށް ގޮސްފައި ނުވަނީ އެޖެންޑާގެ ފުރަތަމަ ނަންބަރުގައި ބަޔާންވެގެންވާ ގޮތުގެ މަތިން ޞުލްޙަވެރި މާޙައުލެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އެމްޑީޕީން އެއްބަސްނުވުމުގެ ސަބަބުންނެވެ." ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ.

ރައީސް އޮފީހުން ބުނީ އެމްޑީޕީން ފެށި ސިލްސިލާ މުޒާހަރާތައް ހުއްޓުމަކަށް ގެނެސް އެކަން އިޢުލާނުކުރި ކުރުމުން ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ސަރުކާރުން ޤަބޫލު ކުރާ ކަމަށާއި އަލުން މަޝްވަރާ ފަށާނެ ތާރީޚެއް ކަނޑައެޅުމަށް ޕާޓީ މަޝްވަރާތަކުގެ ވިލަރެސްވެރިޔާއާއެކު ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި ޞުލްޙަވެރިކަމާއެކު މަޝްވަރާކޮށް، ރާއްޖޭގައި ޞުލްޙަވެރި މާޙައުލެއް ޤާއިމް ކުރަން ކުރާ މަސައްކަތްތަކަށް ހުރަސް އެޅޭފަދަ އެއްވެސް ޢަމަލެއް، އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

ރައީސް އޮފީހުން މި ބަޔާން ނެރުނު އިރު ސަރުކާރުގެ ތަރުޖަމާނު އައްބަސް އާދިލު ރިޒާ އިއްޔެ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީން މުޒަހާރާތައް ހުއްޓާލީ އިންކްއަރީ ކޮމިޝަނުގެ ރިޕޯޓް ނެރޭ ދުވަހު ބޮޑު މުޒަހާރާއެއް ކުރުމަށް ތައްޔާރުވުމަށާއި އެ ދުވަހަށް ވަރުބަލި ފިލުވައިލަން ކަމަށެވެ.