ޓިކްޓޮކް ލައިވްއެއްގައި 13 އަހަރުގެ ކުޑަކުއްޖެއްގެ ފޮޓޯ ޖަހައި، އެ ކުއްޖާއަށް ޖިންސީ ގޯނާކުރަން ހިތްވަރު ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ވަނީ، ގިނަ ބަޔަކު ބަލަން ތިބި ޓިކްޓޮކް ލައިވްއެއްގައި މީހަކު ކުޑަކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ބުނާ ވާހަކައިގެ ރެކޯޑިންތަކެއް އާންމުވެފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން "ސަން"އަށް ބުނީ ޓިކްޓޮކް ލައިވްއެއްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ބަހުން ވާހަކަ ދައްކައި އަދި ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ ވާހަކަ ދައްކާފައިވާ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، ބަންދު ޖަހަން ކޯޓަށް ނުގެންގޮސް ދޫކޮށްލީ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ހާމަނުކުރެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް، ތުހުމަތު ކުރެވޭ މީހާގެ މޮބައިލް ފޯނު އަތުލައި، މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ހިނގާ މިންވަރަށް ބަލާއިރު، ރިޕޯޓުކުރާ މިންވަރު މަދެވެ. ނަމަވެސް އެފަދަ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވެސް އިތުރުވަމުން އަންނަ ކަމަށް ތަފާސްހިސާބުން ދައްކައެވެ.