ކުރީގެ މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދު, މިނިސްޓަރު ފެންވަރުގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ އެޑްވައިޒަރަކަށް އައްޔަންކުރައްވައިފިއެވެ.

ފިނޭންސްއިން މިއަދު މައުލޫމާތު ދިން ގޮތުގައި ހަމްދޫން އައްޔަންކުރައްވާފައިވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ޕްލޭނިންގެ މަސައްކަތްތަކުގެ އެޑްވައިޒަރަކަށެވެ.

ކުރީގެ ވަޒީރު އަދި މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އަބްދުالله ހަމީދުގެ ބޭފުޅެއް ކަމަށްވާ, ހަމްދޫން ވަނީ އޭނާގެ ބޮޑު ބޭބެ, މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރައްވައިފައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވެވިއެވެ. އޭގެ އިތުރުން ހަމްދޫންގެ ބޮޑުބޭބޭފުޅު ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސަފީރުކަން ވެސް ކުރެއްވެވިއެވެ.

މި ސަރުކާރުން ހަމްދޫން މަގާމަށް އައްޔަންކުރެއްވި ސީދާ ދުވަހެއް, އަދި މުސާރައާއި އިނާޔަތުގެ ގޮތުގައި ދެއްވާ އަދަދުތަކުގެ ތަފުސީލެއް އަދި ހާމައެއް ނުކުރައްވަވައެވެ.

މި ސަރުކާރުން ފުރަތަމަ ކެބިނެޓް އެކުލަވާލިއިރު ނެޝަނަލް ޕްލޭނިންގެ ޒިންމާތައް ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީއާއެވެ. ނަމަވެސް، އެ މިނިސްޓްރީއާ ހަވާލުވެ ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު, ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލު ކުރެއްވުމަށް ފަހު, ޕްލޭނިންގެ ޒިންމާތައް ވަނީ ފިނޭންސްގެ ދަށަށް ބަދަލުކޮށްފައެވެ.

ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަކީ ދިގު މުއްދަތެއްގެ ތަރައްގީގެ ޕްލޭނެއްގެ ދަށުން ހިންގަމުން އަންނަ ގައުމުތަކެވެ. ނަމަވެސް، ރާއްޖެ ޒަމާނުންސުރެއް ހިންގަމުން އަންނަނީ އެއްވެސް ޕްލޭނެއް, ސިޔާސަތެއް ނެތިއެވެ. ކޮންމެ ވެރިކަމަކާއެކު ޕްލޭން އެއްކޮށްހެން ބަދަލުވެއެވެ. އޭގެ ސަބަބުން އިސްރާފާއި ހަރަދު ވަރަށް ބޮޑުވެއެވެ.

ދިގު މުއްދަތަކަށް ރާއްޖެ ތަރައްގީ ކުރަން ނެޝަނަލް ޕްލޭނެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މަސައްކަތް ވަނީ ބަޔަކާ ވެސް ހަވާލުކޮށްފައެވެ. ނަމަވެސް، މި ސަރުކާރުގައި ވެސް ސިޔާސަތުތައް ބަދަލުވުމަކީ ވަރަށް އާއްމު ކަމެކެވެ.