26 Aug 2025, 10:22
އެމެރިކާގެ ދިދަ އަންދާ މީހުންނަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވޭނެ ކަމަށް ރަސްމީ އަމުރަކުން އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައަޅުއްވައިފިއެވެ.
ދިދަ އެންދުމަކީ އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުގެ ދަށުން ހިމާޔަތްކޮށްފައިވާ ކަމެއް ކަމަށް ކޯޓުން މީގެ ކުރިން އޮތީ ހުކުމްކޮށްފައެވެ.
އިއްޔެ ސޮއިކުރި މި އަމުރުގައި 1989 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އިއުތިރާފުވެފައިވާއިރު، ދިދަ އެންދުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ އެއްގޮތަށް ހިމާޔަތްކުރެވޭ ކަމެއް ކަމަށް ނިންމާފައި އޮތް ނަމަވެސް، ދިދަ އެންދުމަކީ ގާނޫނާ ޚިލާފު ހަރަކާތަށް ބާރު އަޅާ ނުވަތަ އުދުވާނީ އިންޒާރެއް ކަމަށް ބެލެވޭނެމަ، ޖަލު ހުކުމްކުރެވޭނެ ކަމަށް އަމުރުގައިވެއެވެ.
"ދިދައެއް އަންދާލައިފިނަމަ އެއް އަހަރު ޖަލަށް ލެވޭނެ. އެއް އަހަރަށްވުރެ އަވަހަކަށް ޖަލުން ނުނިކުމެވޭނެ," އަމުރުގައި ސޮއިކުރައްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
މިފަދަ އަމަލަކީ އަނިޔާވެރިކަމާއި މަދަނީ ހަމަނުޖެހުން އުފެއްދުމުގެ ފުރުސަތު އޮތް އަމަލެއް ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
ނަމަވެސް, ޓްރަމްޕްގެ އެ އަމުރަކީ މަދަނީ މިނިވަންކަމާ ޚިލާފު އަމުރެއް ކަމަށް ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ތާއިދުކުރާ ޖަމާއަތްތަކުން ބުނެއެވެ.
"ރައީސް ޓްރަމްޕަށް ހީފުޅުވެދާނެ ގާނޫނުއަސާސީގެ އިސްލާހު ގަލަމަކުން ބަދަލުކުރެވޭނެ ބާރު އޮތް ކަމަށް ނަމަވެސް އެކަމެއް ނުކުރެވޭނެ،" ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ވަކާލާތުކުރާ ގްރޫޕް، ފަޔާއިން ނެރުނު ބަޔާނެއްގައިވެއެވެ.
އެމެރިކާގެ ދިދަ އެންދުމަކީ އާންމުކޮށް އެހެން ގައުމުތަކުގެ މީހުން ބިރު ދައްކައި އިންޒާރު ދިނުމަށް ކުރާ ކަމެއް ކަމަށާއި އެކަން ކުރާ ބިދޭސީންނަށް ވިސާ ބާތިލުކުރުމާއި، ޑީޕޯޓުކުރުން އަދި އިތުރު ކަންކަން ކުރާނެކަމުގެ އިންޒާރު ވެސް އަމުރުގައި ދީފައިވެއެވެ.