26 Aug 2025, 08:55
އިންޑިއާގެ ކުރީގެ ފިލްމީ ތަރި ގޯވިންދާ އާއި އަންހެނުން ސުނީތާ އަހޫޖާ ވަރިވާން އުޅޭކަމުގެ ވާހަކަތަކެއް އަނެއްކާވެސް މީޑިއާގައި ދެކެވެމުން އަންނަނިކޮށް އެ ޚަބަރު ދެމަފިރިންގެ ދަރިފުޅު ޓީނާ އަހޫޖާ ދޮގުކޮށްފިއެވެ.
ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ޓީނާ ބުނެފައި ވަނީ، އެފަދަ ރިޕޯޓުތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ރިޕޯޓުތަކެއް ނޫން ކަމަށާއި މީޑިއާތަކުން ފަތުރަމުން އަންނަނީ ހަގީގަތާ ޚިލާފު ދޮގުވާހަކަތަކެއް ކަމަށެވެ.
ގޯވިންދާ އާއި ސުނީތާގެ ކައިވެންޏަށް ލިބުނު ދެ ކުދިންގެތެރެއިން އަންހެން ދަރިފުޅު ޓީނާ އިތުރަށް ބުނެފައި ވަނީ އެފަދަ ދޮގު ޚަބަރުތަކަށް މިހާރު އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ.
މަންމަ އާއި ބައްޕަ ވަރިވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު އެ އާއިލާއަށް ގުޅި ކަމަށާއި އެކަމުންވެސް ޓީނާގެ އާއިލާއަށް އާއްމުންގެ ފަރާތުން އޮތް ލޯބި ހާމަވާ ކަމަށް ޓީނާ ވަނީ ބުނެފައެވެ.

ގޯވިންދާ އަންހެނުން ސުނީތާ އަހޫޖާއާ އެކު--ފޮޓޯ/ފޭސްބުކް
ޓީނާގެ މައިންބަފައިންނަކީ ވަރަށް ލޯބިން އަބަދުވެސް އުޅޭ ބައެއް ކަމަށާއި އެހާ ހަމަޖެހޭ އުފާވެރި އާއިލާއަކަށް އޭނާ އުފަންވީތީ އެކަމާ އުފާކޮށް ޝުކުރުވެރިވާ ކަމަށް ޓީނާ ވަނީ މި އިންޓަވިއުގައި ބުނެފައެވެ.
ގޯވިންދާގެ ދެމަފިރިން ވަރިވާން އުޅޭ ކަމުގެ ޚަބަރުތައް މީޑިއާގައި ދައުރުވާން ފަށާފައި ވަނީ ދާދިފަހުން ސުނީތާ އަމިއްލަ ވްލޮގްގައި ޕޯސްޓުކުރި ޖަޒުބާތީ ވީޑިއޯއަކާ ގުޅިގެންނެވެ. މި ވީޑިއޯއާ ގުޅިގެން މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި ސުނީތާ ވަނީ ގޯވިންދާ ކައިރިން ވަރިވާން އެދި އިންޑިއާގެ މުމްބާއީގެ ބެންޑްރާ ފެމެލީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ދެމަފިރިންގެ ވަރީގެ މައްސަލަ މީގެ މަސްތަކެއް ކުރިން ތިލަވުމާ އެކު ގޯވިންދާ ކައިރިން ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅި ކަމަށް އެކްޓަރުގެ މެނޭޖަރު ވަނީ މީޑިއާގައި އެއްބަސްވެފައެވެ.
ނަމަވެސް ދެމަފިރިން ވަނީ ކައިވެނި ރޫޅާލުމުގެ ވިސްނުން ބަދަލުކޮށް އެ ކައިވެންޏަށް އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައި ކަމަށް ގޯވިންދާގެ މެނޭޖަރު ވަނީ އޭރު ބުނެފައެވެ. މިކަމާ ގުޅޭގޮތުން މިހާތަނަށް ގޯވިންދާ އަދި ސުނީތާގެ ފަރާތުން ރަސްމީ ސިފައެއްގައި އެއްވެސް ކަހަލަ ބަޔާނެއް ނެރެފައެއް ނުވެއެވެ.