26 Aug 2025, 08:44
އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުނިން ބެލުންތެރިންނަށް ގެނެސްދޭ ފުރަތަ ފިލްމު "ގުސްތާކް އިޝްޤް"ގެ ޓީޒާ އާއްމުކޮށްފިއެވެ.
މަނިޝްގެ ފިލްމު "ގުސްތާކް އިޝްޤް"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ގެނެސްދީފައި މި ވަނީ ފިލްމު އެނައުންސް ކުރިތާ އެއް ދުވަސްވީ ފަހުންނެވެ.
ފިލްމުގެ ޓީޒާއާ އެކު މި އަހަރުގެ ނޮވެމްބަރު މަހު ފިލްމު ސިނަމާތަކަށް ގެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ. ފިލްމީ ތަރިން ކަމަށްވާ ފާތިމާ ސަނާ ޝައިހް އަދި ވިޖޭ ވަރުމާ ލީޑް ރޯލް ކުޅޭ ފިލްމު ނޮވެމްބަރު މަހު ސިނަމާތަކަށް ގެންނާނެ ވަކި ތާރީޚެއް ހާމަކޮށްފައި ނެތް ނަމަވެސް ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރުކުރެވޭ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

މަނިޝް ބަތަލާ ރަކުލްއާ އެކު. މަނިޝް ވަނީ ދާދިފަހުން ރަކުލްއާ އެކު ފިލްމެއްގެ މަސައްކަތް ފެށުމަށް ނިންމާ އެކަން އިއުލާނުކޮށްފައި--ފޮޓޯ/ދަސްޓޭޓްސްމަން
މި ދެ ތަރިން ފިލްމުގެ ލީޑް ރޯލްއިން ފެންނާނެއިރު ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ. ފިލްމަށް ބެލުންތެރިން އިންތިޒާރުކުރާ އެއް ސަބަބަކީ އެއީ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މަނީޝް ފުރަތަމަ ފަހަރަށް ޕްރޮޑިއުސަރުގެ ގޮނޑީގައި އިށީންނާނެ މި ފިލްމަކީ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކުރާނީ އެކްޓަރު އަޔުޝްމާން ކުރާނާގެ މަގުބޫލު ފިލްމު "ހަވާއީޒާދާ" ގެނެސްދިން ވިބޫ ޕޫރީއެވެ.
އިންޑިއާގެ ގިނަ ފިލްމުތަކަށް ޅެން ތައްޔާރުކޮށްދީފައިވާ ގުލްޒާރު ޅެން ތައްޔާރުކޮށްދީފައިވާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ ފިލްމު "ހައިދަރު" އަދި "އޯމްކާރާ"ގެ ޑައިރެކްޓަރު ވިޝާލް ބަރަދުވާޖުއެވެ.
މަނީޝްގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިން ގެނެސްދޭ ފުރަތަމަ ފިލްމު "ގުސްތާކް އިޝްޤް" ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނައިރު އެ ޕްރޮޑަކްޝަން ކުންފުނިން ވަނީ އިތުރު ދެ ފިލްމެއް ވެސް އުފައްދަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް އެ ފިލްމުތައް ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް އިއުލާނުކޮށްފައެއް ނުވެއެވެ.