ބޮލީވުޑް ބަތަލާއިން ކަމަށްވާ ތަމަންނާ ބާޓިއާ އަދި ޑަޔާނާ ޕެންޓީ ލީޑް ރޯލް ކުޅޭ ވެބް ސީރީސް "ޑު ޔޫ ވޮނަ ޕާޓްނަ" މި އަހަރުގެ ސެޕްޓެމްބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާ ކުރާނެކަން އިއުލާނުކޮށްފިއެވެ.

މިއީ ދަރުމާ ޕްރޮޑަކްޝަންސްގެ ވެބް ކޮންޓެންޓް ގެނެސްދޭ ގޮފި ދަރުމެޓިކް އެންޓަޓެއިންމަންޓް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދޭ ވެބް ސީރީސްއެކެވެ.

މިއީ ދަރުމެޓިކް އެންޓަޓެއިންމަންޓްއިން ބަތަލާއިންނަށް ލީޑް ރޯލްތަކުން ކުރިއަށް ނެރުމުގެ ބޭނުމުގައި ގެނެސްދޭ ސީރީސްތަކަށް އިތުރުވި ސިލްސިލާއެކެވެ. މީގެކުރިން ދަރުމެޓިކް ކުންފުނިން ބަތަލާއިން ލީޑުންގެ ގޮތުގައި ފެނުނު ސީރީސްތަކުގެތެރޭ "ދަ ފޭމް ގޭމް"، "އޭ ވަތަން މޭރޭ ވަތަން"، "ކޯލް މީ ބޭ"، "ގިލްޓީ" އަދި "ކަރުމާ ކޯލިންގް" ހިމެނެއެވެ.

ދަރުމެޓިކް އެންޓަޓެއިންމަންޓް އާއި އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ގެނެސްދިން ސީރީސް "ކޯލް މީ ބޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

މި ވެބް ސީރީސް އަކީ ގާތް ދެ އެކުވެރިން ގުޅިގެން އަމިއްލަ ވިޔަފާރިއެއް އިންޑިއާގައި ފެށުމުގެ މަސައްކަތް ކުރުމުގެ ތެރޭ ދިމާވާ ގޮންޖެހުންތައް ދައްކުވައިދޭނެ ސީރީސްއެކެވެ.

މި ވެބް ސީރީސްއާ ގުޅޭގޮތުން އެމެޒޯން ޕްރައިމް ވީޑިއޯގެ ޑައިރެކްޓަ އެންޑް ހެޑް އޮފް އޮރިޖިނަލްސް ނިކިލް މަދޮކް ވިދާޅުވި ގޮތުގައި، މީގެކުރިންވެސް އެމެޒޯން އާއި ދަރުމެޓިކް އެންޓަޓެއިންމެންޓް ގުޅިގެން ވަރަށް ތަފާތު ވާހަކަތައް ސީރީސްގެ ގޮތުގައި ގެނެސްދެވިފައިވާ ކަމަށެވެ.

ސެޕްޓެމްބަރު މަހު ޕްރީމިއާ ކުރާ "ޑު ޔޫ ވޮނަ ޕާޓްނަ" އަކީ އެފަދަ ފަޚުރުވެރި ސީރީސްއަކަށްވާނެ ކަމުގެ ޔަގީންކަން އެމެޒޯން ޕްރައިމްއަށް އެބައޮތް ކަމަށް ނިކިލް ވަނީ ވިދާޅުވެފައެވެ.
މި ޒަމާނުގެ ޒުވާން ވިޔަފާރިވެރިން ހާއްސަކޮށް އަންހެނުންނަށް މިއީ ވަރަށް ކަމުދާނެ ސީރީސްއަކަށް ވާނެ ކަމަށް ދަރުމާގެ އިސް ވެރިޔާ އަދި ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ ބުނެފައެވެ.

ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެމެޒޯން ޕްރައިމްއިން ޕްރީމިއާކުރާ މި ވެބް ސީރީސް އަކީ ތަމަންނާ އާއި ޑަޔާނާ އެކީގައި މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓެވެ.